ދިރާގު ޓީވީން ކުޑަކުދިންނަށް ހާއްސަ ދިވެހި 2ޑީ އެނިމޭޓެޑް ކާޓޫން ސީރީޒް "ކައިލް އާއި ލޫލޫ" ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

"ކައިލް އާއި ލޫލޫ" މި ޝޯ އަކީ ކުޑަކުދިން ގަޔާވާ ފިލާވަޅުތަކާއި ގޭމްތަކުގެ ތެރެއިން "ހާށަވިޔަނި" ނުވަތަ އަކުރު އުނގެނުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ތައްޔާރު ކޮށްފައިވާ ޝޯ އެކެވެ. މި ޝޯ އަމާޒު ކޮށްފައިވަނީ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ ކުދިންނަށެވެ.

ކައިލް އާއި ލޫލޫ އުފައްދާފައިވަނީ "ގޮރިއްލާސެލްސް" ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ އަމާޒަކީ ކުޑަކުދިންނަށް ހާއްސަ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ އެނިމޭޓެޑް ޝޯތައް ތައްޔާރުކުރުމެވެ. އެގޮތުން، ގޮރިއްލާސެލްސް ދަނީ ކުރިއަށް އޮތްތަނުގައި ކައިލް އާއި ލޫލޫގެ އިތުރު ވާހަކަތައް ތައްޔާރުކުރުގެ މަސައްކަތްކުރަމުންނެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް "ކައިލް އާއި ލޫލޫ" ތައާރަފު ކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ދިރާގު

އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީ އިން މަސައްކަތްކުރަމުން ދަނީ އޮން ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް އަށް ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފާ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް އަންނަ ޑިސެމްބަރު މަހު 31ގެ ނިޔަލަށް މުޅިން ހިލޭ ބޭނުން ކުރެވޭނެ ކަމަށެޗެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ފީޗާ ބޭނުން ކުރާނެ ގޮތް

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ޓީވީ ހިދުމަތް ފޯރުކޮށްދީފައި ވާނެ ކަމަށް ދިރާގުން ބުނެއެވެ.