ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ އިސް މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއަށް ވަދެ، ލަންކާގެ ފުލުހުންނަށް ފިލާ އޮންނަން ޖެހުނީ ކުރީ ސަރުކާރުން ހުށަހެޅި އިނާމުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ، ލުތުފީ ރާއްޖޭގެ އެމްބަސީ އަށް ވަދެ ލަންކާ ފުލުހުންނަށް ފިލާ އޮންނަން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުން ހުށަހަޅާފައިވާ 10،000 ޑޮލަރުގެ އިނާމުގެ ސަބަބުން ކަމަށެވެ. އަދި ލަންކާގެ ވަކި ވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯއާ ވަނަވަރު ހުންނާނެ ކަމަށް އުމަރު ވިދާޅުވެފައި ވާއިރު، އޭނާ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ލުތުފީ ހޯދުމަށް ވަރަށް ގިނަ ގުނަ މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން، އޭނާ ވިދާޅުވީ، ލުތުފީ ހައްޔަރު ކުރުމަށް މަގުފަހިކޮށްދޭ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް 75،000 ރުފިޔާގެ އިނާމެއް ސަރުކާރުން ހުށަހެޅި ކަމަށާއި އެ އިނާމު ފަހުން 10،000 ޑޮލަރަށް ބޮޑު ކޮށް، ލަންކާ ފުލުހުންނާ މި މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ، ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ދިން އިރު އޭނާއަކީ ދިވެހި ސިފައިންގެ ބޭފުޅެއް ކަމަށާއި، އެ ހަމަލާ ތަޖުރިބާ ކުރެއްވި ކަމަށެވެ. އަދި ޝަހީދު ވެގެން ވެއްޓިފައި ތިބި ދިވެހިން ލެއިން ތަތްތެޅިފައި ތިއްބާ ފެނިވަޑައިގަން ކަމަށާއި، ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެތަންތަނުން ނެގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތް ކަމަށް އުމަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ލުތުފީ ހޯދުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަ ކުރައްވަމުން އުމަރު ވިދާޅުވީ، ލަންކާގެ މިނިސްޓާ އޮފް ލޯ އެންޑް އޯޑާއާ އެކު ކޮލޮމްބޯގައި ބޭއްވެވި ރަސްމީ ބައްދަލުވުމެއްގައި، ލުތުފީގެ މައްސަލަ އެޖެންޑާ ކޮށް، އެކަމުގައި ލަންކާގެ އެހީތެރިކަމަށް އެދިވަޑައިގަތް ކަމަށާއި، އެގޮތުން ލަންކާގެ ޕޮލިސް ޗީފާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމެއްގައި ލުތުފީގެ މައްސަލަ އެޖެންޑާ ކޮށް، ލަންކާ ފުލުހުންގެ އެހީތެރިކަމަށް އެދި ވަޑައިގެންފައިވާ ކަމަށެވެ. އަދި ނޭޕާލުގައި ބޭއްވި ސާކް ގައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން ލުތުފީ ހޯދުމާ ބެހޭ ގޮތުން ލަންކާގެ ހޯމް މިނިސްޓަރާ ވަކިން ބައްދަލު ކުރައްވާ ވާހަކަދެއްކެވި ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ލަންކާގެ ނަވަލޮކާ ހޮސްޕިޓަލުގައި ލުތުފީއާ ކެރެފާ ނަސީމާ އެކުގައި ތިއްބެވިކަމުުގެ މައުލޫމާތު ލިބިވަޑައި ގަތުމާއެކު، ލަންކާ ފުލުހުން ވަގުތުން އެ ހޮސްޕިޓަލަށް ފޮނުއްވި ކަމަށާއި، ފުލުހުންނަށް އެތަނަށް ދެވުނުއިރު، ލުތުފީ ފިލާފައިވާ ކަމަށެވެ. އަދި ލުތުފީ ލަންކާގެ ނުގޭގޮޑާގައި ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެން ދިވެހި ސިއްރު ފުލުހުންގެ ޓީމެއް ލަންކާއަށް ފޮނުއްވައި، ފާރަލި ކަމަށާއި، އެ އޮޕަރޭޝަން އެއްމަސް ދުވަހަށް ދެމިގެން ދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވަކާލާތު ކުރަނީ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ތަޖުރިބާ ކުރައްވަން ޖެހި ވަޑައިގަތުމުން ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ލުތުފީއަށް މަރުގެ އަދަބު ދެވުނު ނަމަ މި 'ޑްރާމާ' މިގޮތަށް ހިނގާކަށް ނުޖެހޭނެ ކަމަށާއި، ޝަހީދު ވެގެން ދިޔަ 19 އަބްތޯލުންނަށް އިންސާފު ލިބިގެން ދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.