ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރަށް ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމް ގާއިމު ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ލޯނަށް އެދުމުގެ މުއްދަތު ހަމަވާ ތާރީހަކަށް ކުރިން ހަމަޖައްސާފައިވާ ތާރީހަކީ މި ދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދުން ފެށިގެން އެ މުއްދަތު އެއް މަސްދުވަހަށް އިތުރުކޮށްފައިވާ ކަމަަށާއި ދެން ލޯނަށް އެދުމުގެ މުއްދަތު ހަމަވާ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަސްކަމަށް އެ މިނިސްޓްރީން ބުނެއެެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މ ލޯނަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ އައިސް ޕަލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ ދަތިތައް ފާހަގަކުރެވިފައި ވާތީ، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މަސްވެރިންނަށް ދެވޭ ލޯނެއް ކަމަށެވެ. ލޮނުފެނުން މަސް އައިސްކޮށްފައި ބެހެއްޓޭ ނިޒާމް ހަމަޖެއްސުމުން މަސްވެރިންނަށް އެކަމުން ލުއިފަސޭހަތަކެއް ވާނެ ކަމަށާއި ގިނަ ވަގުތު މަސް ތާޒާ ކަންމަތީ ބެހެއްޓުމަށް އެހީވެދޭނެ ކަަމަށްވެސް އެ މިނިސްޓްރީން ބުނެއެެވެ.

މި ލޯނުން ޖުމްލަ ދޫކުރެވޭނީ 3،084،000 ރުފިޔާއެވެ. ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އަދި ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ އެސް.ޑީ.އެފް.ސީ އިންނެވެ.