ހއ. އަތޮޅުގައި އޮންނަ ޖޭ.އޭ މަނަފަރު ރިސޯޓުގައި ހިނގީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ނޫން ކަމަށާ، މާލީ ހާލަތު ދައްވުމުން މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް މެނޭޖްމަންޓުން ނިންމުމުން ހަރަދު ކުޑަކުރުމަށް މުވައްޒަފުން ތިބީ ރިސޯޓް ކެންޓީނުން ނުކައި ކަމަށް ލޭބާ ޕާޓީ އިން ބުނެފިއެވެ.
ލޭބާ ޕާޓީ އިން "ދަ ޕްރެސް" އަށް ދިން އިންޓަވިއު އެއްގައި ބުނީ މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި މަނަފަރުގައި ހިނގަމުންދަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށެވެ.
ލޭބާ ޕާޓީ އިން ބުނީ ރިސޯޓުގެ އޮކިއުޕެންސީ ދައްވުމުގެ ސަބަބުން ލޯޔަރުންގެ ލަފާ މެނޭޖްމެންޓުން ހޯދައިފައި ވާކަމަށާ، ލޯޔަރުން ލަފާ ދީފައި ވަނީ މާލީ ހާލަތު ރަނގަޅު ކުރުމަށް މުވައްޒަފުންތަކެއް ކަނޑާލުމަށެވެ. މިކަމާ ގުޅޭގޮތުން މުވައްޒަފުން އެތައް ފަހަރެއްގެ މަތިން ރިސޯޓު މެނޭޖްމެންޓާ ވާހަަކަ ދެއްކި ނަމަވެސް މެނޭޖްމެންޓުން މުވައްޒަފުންގެ އަޑު އަހައިފައި ނުވާކަމަށްވެސް އެ ޕާޓީ އިން ވަނީ ބުނެފައެވެ.
އެހެން ކަމުން މާލީ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކާ މުވައްޒަފުން ނިންމީ ރިސޯޓުގެ ކެންޓީނުން ނުކައި ތިބުމަށް ކަމަށާ އެހެން ނަމަވެސް މުވައްޒަފުން ބަރާބަރަށް ޑިއުޓީއަށް ހާޒިރުވެފައި ވާކަމަށްވެސް އެ ޕާޓީއިން ބުނެއެވެ. އަދި ކެންޓީނުން ނުކައި ތިބި ނަމަވެސް ކައިރި ރައްރަށުން ކާއެއްޗިހި ގެނެސްގެންވެސް މުވައްޒަފުން ކައިބޮއި ހަދައިފައި ވާކަމަށް އެ ޕާޓީއިން މައުލޫމާތު ދެއެވެ.
ހަޅުތާލު ކުރުމުގެ ސަބަބުން ހާލު ސީރިއަސްވެގެން ފަރުވާ ދިންކަމަށް ބުނާ ދެ މުވައްޒަފުންނަކީވެސް ކުޑަ އެތިކޮޅެއް ކައިގެން ޑިއުޓީގައި ގިނަ އިރުތަކެއް ވުމުން "ފެއިންޓު" ވެގެން ވެއްޓުނު ދެ މީހުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިން މުވައްޒަފަކު ބުނެފައިވާގޮތުގައި އެ ރިސޯޓުގެ މުވައްޒަފުންނަށް އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ވަނީ ވަޒީފައިން ކެނޑުމުގެ ނޯޓިސް ދީފައެވެ. އެއްވެސް އެނގުމަކާ ނުލައި ކުށެއް ނެތް މުވައްޒަފުންތަކެއް ދަނީ ވަޒީފާއިން ވަކި ކުރަމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ އެނގިފައިވާ ގޮތުގައި ދިވެހި މުވައްޒަފުން ކެނޑުމަށް ފަހު އޭގެ ބަދަލުގައި ގެންނަށް ނިންމާފައި ވަނީ ބިދޭސީން ކަމަށެވެ.
އޭނާ ބުނެފައި ވާގޮތުގައި މިހާތަނަށް 11 މީހަކު ވަނީ ވީނުވީ އެއް ނާންގާ ވަޒީފާއިން ވަކި ކޮށްފައެވެ. އޭގެ ތެރޭގައި;
- ހައުސް ކީޕިން އިން 4 މީހުން
- އިންޖީނިއަރިން އިން 3 މީހުން
- ކިޗަން އިން 3 މީހުން
- އަދި ގާޑެން އިން 2 މީހުން
އަދި މި އެންމެނަކީވެސް ދިވެހި މުވައްޒަފުން ކަމަށް އޭނާ ބުނެއެވެ.
މިކަމާ ގުޅިގެން ރިސޯޓުގެ މެނޭޖްމެންޓުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މި މައްސަލަ އާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވައިފައެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވެފައި ވަނީ މަނަފަރު ރިސޯޓުގެ މުވައްޒަފުން ކަނޑާލައިފައި ވަނީ އެ ރިސޯޓުގެ މާލީ ހާލަތު ދައްވުމާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް މާލީ ހާލަތު ދައްވުމުގެ ސަބަބުން ރިސޯޓުން މުވައްޒަފުން ވަޒީފާއިން ވަކި ކުރާވަރަށް ހާލަތު ގޯސް ނުވާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެ ރިސޯޓުން މުވައްޒަފުން ވަކިކޮށްފައިވަނީ ރިސޯޓުގެ މާލީ ހާލަތު ދަށްވެގެން ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަ ކުރެވިފައި ވާކަމަށާއި، ކޮންމެ ހާލަތެއް ދިމާވިކަމުގައި ވީނަމަވެސް ޤާނޫނާއި ޤަވައިދުގެ ދަށުން ކަންކަން ކުރަން ޖެހޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުއްލި ގޮތަކަށް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމީ އޭގެ ސަބަބުން ފަތުރުވެރި ކަމުގެ ދާއިރާއަށްވެސް ނޭދެވޭ އަސަރުރަކެއް ކުރާނެ ކަމެއް ކަމަށެވެ.
ޖޭ.އޭ މަނަފަރު ރިސޯޓަކީ ދުބާއީގެ ޖޭ.އޭ ކުންފުނިން ހިންގަމުން އަންނަ ރިސޯޓެކެވެ.