ލޯނުގެ ގޮތުގައި 722 މިލިއަން ޑޮލަރު، ޕާކިސްތާނަށް ދިނުމަށް ވޯލްޑް ބޭންކުން ފާސްކޮށްފައި ވާކަމަށް ޚަބަރު ލިބިއްޖެއެވެ.

މި ލޯނުން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ މަދަނީ ދިރިއުޅުން ކުރިއަރުވާ، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށްކަމަށް ޚަބަރުތައް ބުނެއެވެ.

722 މިލިއަން ޑޮލަރުގެ ލޯނުން، 652 މިލިއަން ޑޮލަރު ހަރަދުކުރާނީ ކަރާޗީގެ ތަރައްގީއަށް ކަމަށް ވާއިރު، 70 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރުޕަޚްތުންވާ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށްކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުން ވޯލްޑް ބޭންކުގެ ލޯނެއް މި ނަގަނީ، ކުރީގެ ސަރުކާރުތަކުން ދުނިޔޭގެ އެކި މުއައްސަސާތަކަށް ދަރާފައިވާ ދަރަނި ފިލުވައި، ދަރަނިވެރިކަމުގެ އަނދަވަޅަކުން ޕާކިސްތާނު ސަލާމަތް ކޮށްދެއްވާނެ ކަމަށް ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެފައި ވަނިކޮށެވެ.