މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ގއ. ދާންދޫ، "އޯކިޑްވިލާގެ" ގެ ފުރާޅު މައްޗަށް ބޮޑު ރުކެއް ވެއްޓި އެކިވަރުގެ ބޮޑެތި ގެއްލުން ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، ރޭ ކުރި ވިއްސާރައިގައި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަންޑާރަ ބިމެއްގައި ހުރި ރުކެއް ބިންދައިގެން ގޮސް ދެމަފިރިންއުޅޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފއިވަނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ. އޯކިޑްވިލާ ގެއަށް ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި ފުރާޅާއި ސީލިންގް ހަލާކުވެ، ފާރުގައި ރެނދު ލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އިސްމާއިލް ވިދާޅުވީ، އެ ގެއަކީ ދޮށީ އުމުރުގެ ދެމަފިރިން ދިރިއުޅެމުން އަންނަ ގެއެއް ކަމަށާއި އެގޭގައި އެ ދެމަފިރިންގެ އިތުރުން އިތުރު މީހަކު ދިރިނޫޅޭ ކަމަށެވެ. ރޭގެ ކޮޅިގަނޑުގައި ދިގު ރުކެއް ވެއްޓި އެގެއަށް ބޮޑެތި ގެއްލުންތަކެއްވެފައި ވީ ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ދެމަފިރިންނަކީ ދަރިއަކު ނެތް ދެމަފިރިން ކަންވެސް ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވައިގަދަވުމުގެ ސަބަބުން ގއ. ދާންދޫ ގެއެއްގެ ފުރާޅު މައްޗަށް ރުކެއް ވެއްޓިފައި / ފޮޓޯ: ދާންދޫ ކައުންސިލް

މިހާރު، އެ ރުއް އެތަނުން ނަގާ އެ ތަން ސާފުކޮށް ކައުންސިލުގެ ފަރާތުން އެ ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި މިހާރު މިކަން ވާނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓަށް އަންގާފައި ކަމަށާއި އަދި މިކަމުގައި އެ ފަރާތުގެ އެހީތެރިކަން ލިބޭނެކަމަށް ވަރަށް އުންމީދު ކުރައްވާ ކަމަށް ދާންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މި ހާދިސާގައި ގެއްލުން ލިބިފައިވާ ގެއަކީ ސުނާމީ ހައުސިންގް ޕްރޮޖެކްޓްގެ ދަށުން 2014 ވަނަ އަހަރު އަޅާފައިވާ ގެއެކެވެ.

ވޭތުވެ ދިޔަ ހަފްތާ ތެރޭގައި، މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލާފާކޮށްފައެވެ.