ލ އަތޮޅު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:50 ހާއިރު ލ. ފޮނަދޫ އިން ލ. ކައްދޫއަށް ދިޔަ ސައިކަލެއް ކޯސްވޭގައި މަޑުކޮށްގެން އިން ސައިކަލުގައި ޖެހިގެން ކަމަށެވެ. މަޑުކޮށްގެން އިން ސައިކަލުގައި 2 ފިރިހެނަކު ތިބި އިރު އެއީ އުމުރުން 62 އަހަރާއި 58 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އަދި ދުއްވާފައި އައި ސައިކަލުގައި އިނީ 57 އަހަރުގެ ފިރިހެނެކެވެ.

މިއަދު ހިނގި އެކްސިޑެންޓްގައި މި ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެމީހުންނަށް މިހާރު ލ އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި އެކަކުގެ ފައި ވަރަށް ބޮޑަށް ޒަހަމްވެފައި ވެއެވެ. އަދި ލަ އަތޮލޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓް ހިނގައިގެން ދެ މީހަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، އޭގެތެރެއިން އެކަކުގެ ފައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. ޖުމްލަކޮށް ހޮސްޕިޓަލަށް ގެނައީ ދެމީހުން ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުންދާ ކަކމަށް އެފަރާތުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގި އިރު ދެ ސައިކަލު ދުއްވަން ތިބި ދެމީހުންނަކީ ވެސް ލައިސަންސް އޮތް ދެމީހުން ކަމަށާއި މިހާރު ފުލުހުން ދަނީ މި މއްސަލަ އިތުރަށްބަލާ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ލ އަތޮޅު ލިންކްރޯޑުގައި ހިނގި އެކްސިޑެންޓްގެ ތެރެއިން، ކާރު ޖެހިގެން ބްލޮކްސް ނެއްޓި އޭގެތެރެއިން ތިން ބްލޮކްސް މޫދަށް ވެއްޓިފައިވާ މަންޒަރު / ފޮޓޯ: ޕޮލިސް

މީގެ އިތުރުންވެސް މިއަދު ހެނދުނު 6:25 ހާއިރު ލ. ކައްދޫއިން ލ. ފޮނަދޫއަށް ދިއުމަށް ލިންކް ރޯޑުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރެއްވެސް ވަނީ ފުރޮޅާލާފައެވެ. ފުލުހުން ބުނީ، މި ކާރު ދުއްވާފައިދިޔައިރު ކޯސްވޭގެ އިރުމަތީގައި ޖަހާފައިވާ ބްލޮކްސްތަކުގައި ޖެހި ކާރު ފުރޮޅާލައި 300 ފޫޓު ދުރަށް ކަހާލައިގެން ގޮސްފައިވެއެވެ.

މި އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ 25 އަހަރުގެ ފިރިހެނެއް ކަމަށާއި، އަދި އޭގެ އިތުރުން ކާރުގައި އިތުރު ދެމީހެެކެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ލިންކްރޯޑުގެ ބްލޮކްސް ނެއްޓި އޭގެތެރެއިން ތިން ބްލޮކްސް މޫދަށް ވެއްޓިފައި ވެއެވެ. އަދި ޖަހާފައިވާ ޑިވައިޑަރުތަކުން 3 ފޫޓެއްހާ ބައި ވަނީ ތަޅައިގެން ގޮސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.