އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި ގުޅިވަޑައިގަންނަވަން އެ ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅުއްވާފައި ވާކަމަށާއި، ޕާޓީއާ ގުޅިވަޑައިގަންނަވާނީ ރައީސްކަން ލިބިވަޑައިގަންނަވާނަމަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ އިދިކޮޅާއި ގުޅިވަޑައިގަންނަވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން، "ދަޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އުމަރު ވިދާޅުވީ އޭނާ ހުންނެވީ މިހާރު ވެސް ޕީޕީއެމާ ގުޅުވަޑައި ގަންނަވަން ތައްޔާރަށް ކަމަށާ، ނަމަވެސް ޕީޕީއެމާ ގުޅިވަޑައި ގަންނަވާނީ ޕާޓީގެ ލީޑާޝިޕް އޭނާއަށް ދެއްވާ ނަމަ ކަމަށެވެ.

"ޕީޕިއެމްގެ ރައީސްކަން އަޅުގަނޑަށް ލިބެންޏާ. އެެހެންވެއްޖެއްޔާ އަޅުގަނޑު މިހުރީ ތައްޔާރަށް. އަޅުގަނޑު ވާނީ އެފަދަ ހުށަހެޅުމެއް ޕީޕީއެމްގެ ރައީސް ޔާމީނަށް ހުށަހަޅުއްވާފައި. ހުށަހެޅުއްވުމަކީ ޔާމީން މުސްތަޝާރުގެ މަގާމަށް ޖެހިވަޑައިގެން އަޅުގަނޑަށް ރައީސްގެ މަގާމް އަޅުގަނޑަށް ދެއްވާށޭ. ދެން އަދި ޖަވާބެއް ނުދެއްވާ،"
ކުރީހެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ އެއްވެސް ގޮތަކަށް ތަބަކަކަށް ލާފައި ޕީޕީއެމްގެ ރައީސްކަން ދޭން ވިދާޅު ނުވާނެ ކަމަށެވެ. އަދި އެމަގާމަށް ވަޑައިގަންނަން ބޭނުންފުޅުވަނީ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވެވަޑައިގެން ކަމަށާއި، އިންތިހާބަށް ހުޅުވާލުމުން، އިންތިހާބުގައި ކުރިމަތިލްވާ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ޕީޕީއެމްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމާއެކު ޕީޕިއެމަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި އޭގެ ކުރިން ޕީޕިއެމަށް ސޮއި ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވަނީ ޕީޕީއެމްގެ ގްރާސް ރޫޓްގައި އޭނާއަށް ތާއީދު އެބައޮތްކަމަށް ވިދާޅުވެފައެވެ.

"ޕީޕީއެމްގް ގްރާސް ރޫޓްގައި އަޅުގަނޑަށް ވަރަށް ތާއިދު އޮންނާނެ. ޔާމީިން ނަގާފައި ޕީޕީއެމްގެ ގްރާސް ރޫޓްގައި އެންމެ ބޮޑު ތާއިދެެއް އޮންނާނީ އަޅުގަނޑަށް. އެކަން ޔަގީން. ޕީޕީއެމް އުފެއްދި މީހުންގެ ތެރެއިން އެކަކު އަޅުގަނޑަކީ. ޕީޕީއެމް އުފެއްދީ މައުމޫނާއި ޔާމީނާއި އަޅުގަނޑާއި. އެކަން މުޅި ދިވެހިރާއްޖެއަށް އިނގޭނެ. އެހެންވީމާ މިވަގުތު ޕީޕީއެމްގެ އެންމެ ތާއީދު ބޮޑު މީހަކީ ޔާމީން. އެކަމަކު ޔާމީން ރައީސްކަމަށް ކުރިމަތި ނުލައްވާ އެ މަގާމަށް ކުރިމަތިލާން އޯޕަން ކުރައްވައިފިއްޔާ އަޅުގަނޑު ވަދެ އެމަގާމަށް ކުރިމަތިލާ އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން،"
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ ޕީޕީއެމްގެ ރައީސްކަމަށް ހޮވިވަޑައިގެންފި ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތްކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އޭނާ އެދިލައްވަނީ ޔާމީން ޕާޓީގެ މުސްތަޝާރުކަމުގެ މަގާމަށް ވަޑައިގަންނަވަން ކަމަށެވެ.

"މުސްތަޝާރުގެ މަގާމަކީ އެކްޓިވް މަގާމެއް ނޫން އަސާސީ ގަވާއިދު އޮންނަ ގޮތުން. ދެން ޔާމީނާ އެއްކޮށް މަސައްކަތް ކުރާކަށް ނުޖެހޭނެ ނޫންތޯ،" އުމަރު ނަސީރު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (ކ) ކުރީގެ ރައީސް އަދި ޕީޕީއެމްގެ ފައުންޑާ މައުމޫން އަބްދުލްގައްޔޫމް (މ) އަދި ކުރީގެ ރައީސް އަދި ޕީޕީއެމްގެ މިހާރުގެ ރައީސް އަބްދުﷲ ޔާމީން (ވ) ޕީޕީއެމްގެ ރެލީއެއްގައި / ފޮޓޯ: ގޫގުލް

އުމަރު ވިދާޅުވީ ޕީޕީއެމްގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ސަރުކާރު ޖަވާބުދާރީ ކުރުމަށް ވަރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ރައީސްކަން ލިބިވަޑައިގަތުމުން އެ މަސަައްކަތް ކުރައްވާނެ ފުރިހަމަ އުޅަނދެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، ޕީޕީއެމްގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ސަރުކާރު 'ކޮށި އަރާވަރު ވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ސަރުކާރުން ވެސް އޭނާ އިދިކޮޅު ޕާޓީގެ ލީޑަރަކަށް ހުންނަވަން ބޭނުން ނުވާނެ ކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ ސަރުކާރަށް އެކަން އެއްވެސް ގޮތަކަށް ފަސޭހަ ނުވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ވަކި ފަރުދެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވަން ވަރަށް އުނގަދޫ ކަމަށާއި، ޕީޕީއެމްގެ ރައީސްކަމަށް ވަޑައިގަންނަވަނީ އާ ޕާޓީއެއް އުފައްދަވަން ބޭނުންފުޅު ނުވާތީއާއި، ޕާޓީއެއް އުފެއްދުމުން ވާގޮތް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

އުމަރު ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގައި ޔާމީނަށް ތާއިދުކުރައްވާ އަދި ޔާމީންގެ ލަފަޔާއެކު ޕާޓީ ހިންގަން ބަޔަކު ތިބިނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި، އެކި ފިކުރުގެ މީހުން ކައުންސިލްގައި ތިބެންވާނެ ކަމަށެވެ. އަދި އެއީ ޕާޓީގެ ރޫހު ރަނގަޅުވާކަމެއް ކަމަށާއި، ޕީޕީއެމަކީ ރާއްޖޭގެ ވަރުގަދަަ އޮޕަޒިޝަން ޕާޓިއަކަށް ހައްދަވައި، އެއީ ހަރަކާތްތެރި ޕާޓިއަކަށް ހައްދަވައި، ރެލީތަކާއި ޖަލްސާތައް ބާއްވައިގެން، 2008 ގައި އޭނާ ޕީޕީއެމްގެ ހަރަކާތްތައް ލީޑްކުރެއްވި ފެންވަރަށް ގެންދަވަން ބޭނުންފުޅު ވާކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ އިދިކޮޅު އިއްތިހާދު މިހާރު އޮތްގޮތަށް ޕީއެންސީއާއެކު ކުރިއަށް ގެންދިއުމަށް ތާއިދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅާ ގުޅެން ބޭނުންވާ އެހެން ޕާޓީތަކަށް ވެސް އެ ފުރުސަތު ދެއްވާނެކަމަށް އުމަރު ވިދާޅުވިއެވެ.