އޭޕްރިލް 21 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލި ސްރީލަންކާގެ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ހެޔޮ ފާލަކަށް އެޅެމުންދަނީ ހީކުރިވަރަށްވުރެ ހަލުވި ދުވެއްޔެއްގައި ކަމަށް، ސްރީލަންކާގެ މާލީ ވަޒީރު މަންގްލަ ސަމަރަވީރާ ވިދާޅުވެއްޖެއެވެ.

މިއާއެކު ސްރީލަންކާގެ އިގްތިސޯދީ ކުރިމަގަށް މިވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ.

މާލީ ވަޒީރު ސަމަރަވީރާ ވިދާޅުވީ ޑޮމެސްޓިކް ފަތުވެރިކަމާއެކު ހޮޓާތައް ފުރެމުން އަންނަ ކަމަށާ، ވިލާތުގެ މުހިންމު މާކެޓްތަކުން ސްރީލަންކާއަށް ކުރަމުންދިޔަ ދަތުރުތައް އަލުން ކުރަން ފަށާފައިވާކަމަށެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް %30 ގެ ގެއްލުމެއް ނުވަތަ 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް، މިއަދަދު 1 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެކަމަށް މިހާރު ނުބެލެވޭކަމަށްވެސް ސްރީލަންކާގެ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާގައި ހިންގި ބޮމުގެ ހާދިސާ ހިނގި ޗާޗް ހުންނަ ސަރަހައްދު ބަންދުކުރެވިފައި / ފޮޓޯ: ޓްވިޓާ

ސްރީލަންކާ ސަރުކާރުންވަނީ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ކޮޅަށްޖެހުމަށްޓަކައި ލުއި ކްރެޑިޓް ސްކީމްތަކެއްވެސް، ހަމަލާ އަމާޒުވި ވިޔަފާރިތަކަށް ހުޅުވާލާފައެވެ. މީގެ އިތުރުން ބަސް ދަތުރުތައް އިންތިޒާމްކުރާ ކުންފުނިތަކާ، ބެޑް އެންޑް ބްރެކްފަސްޓް ހޮޓާތައް ހިންގާ ފަރާތްތަކަށް އިންޓްރެސްޓްއާއި ނުލާ ލޯނު ދޫކުރުމުގެ ސްކީމްތަކެއްވެސް ސްރީލަންކާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސްރީލަންކާގެ އާންމު އިގްތިސޯދީ ހާލަތަށް ބަލާއިރު، ވެރިކަމުގެ ކޮއިލުތެރޭގައި ހިނގާދިޔަ ގަޑުބަޑުގަނޑުގެ ތެރޭގައި އެގައުމުގެ އިގްތިސޯދު މިދިޔަ އަހަރު ވަނީ މަޑުޖެހިފައެވެ. ސްރީލަންކާގެ އިގްތިސޯދީ ކުރިއެރުމުގެ ދުވެލި ވަނީ 2017 ވަނަ އަހަރު އޮތް 3.4 ޕަސެންޓުން 3.2 ޕަސެންޓަށް 2018 ވަނަ އަހަރު ދަށަށް ގޮސްފައެވެ. ނަމަވެސް، މިއަހަރަކީ 3.4 ޕަސެންޓުން 4.0 ޕަސެންޓާ ދެމެދު މިންވަރަކަށް ސްރީލަންކާގެ އިގްތިސޯދު ކުރިއަރައިގެންދާނެ އަހަރަކަށްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް، ސްރީލަންކާގެ މަލީ ވަޒީރުވަނީ ވިދާޅުވެފައެވެ.