ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ހަރުދަނާ އާސަންދަ ސްކީމަކާ އެކު ޓްރީޓޮޕް ހޮސްޕިޓަލުންވެސް ކޮށްދޭނެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.
އާސަންދައިން ބުނީ ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިގެން ފަށާ މި ޕްރޮގްރާމަކީ ކަކުލު ހުޅު ބަދަލުކުރުމަށް 170 އަށްވުރެ ގިނަ މީހުން މިހާރުވެސް އައިޖީއެމްއެޗް ގައި ވެއިޓްލިސްޓު ކުރެވިފައި ވާތީ އެފަރާތްތަކަށް ވީ އެންމެ އަވަސް ހިދުމަތެއް ފޮރުކޮށްދިނުމަށްޓަކާ ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އައިޖީއެމްއެޗްގެ ގެ ޑޮކްޓަރުންގެ ލަފަޔާއެކު މި އޮޕަރޭޝަން ކުރާ ފަރާތްތަކަށް މި ސްކީމުގެ ދަށުން އާސަންދަ ލިބިގެންދާނެ ކަމަށްވެސް އެ ކޮމްޕެނީ އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އާސަންދައިން ބުނީ މި އޮޕަރޭޝަނާ ގުޅިގެން އިތުރު މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމަށް ފަރުވާ ކުރުމުގެ ހަރަދުވެސް އާސަންދަ ސްކީމްގެ ދަށުން ލިބިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އާސަންދައިގެ އާންމު އުސޫލުގެ ދަށުން ޕްރައިވެޓް ރޫމުގެ ހަރަދު އާސަންދަ ސްކީމުގެ ދަށުން ނުލިބޭނެ ކަމަށް އެ ކޮމްޕެނީ އިން މައުލޫމާތު ދެއެވެ.
އާސަންދައިން ބުނީ މިކަމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި މެޑިކާ ހޮސްޕިޓަލާއެކު އާސަންދައިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށެވެ.
އާސަންދައިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އަދި ލުއިކޮށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާ، އެހެން ކަމުން ކުރިއަށް އޮތްތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަޝްވަރާ ކުރެވެމުންދާނެ ކަމަށެވެ.