ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ބޮއިންގް މަރުކާގެ 737 މެކްސް މޮޑެލްގެ މަތިންދާ ބޯޓުތަކުން އަނެއްކާވެސް އިތުރު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހައެއްކަ މަސްދުވަހުގެ ތެރޭގައި ހިތާމަވެރި 2 ހާދިސާއެއް ހިނގުމާ ގުޅިގެން މި މޮޑެލްގެ ބޯޓުތައް މިވަގުތު ގްރައުންޑް ކޮށްފައި ވާއިރު، އަލަށް މި ފެނުނު މައްސަލައާއެކު އަނެއްކާވެސް ޓެސްޓު ދަތުރުތައް ލަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޗަން (އެފް.އޭ.އޭ)އިން ބުނީ، ފްލައިޓް ސިމިއުލޭޓަރުގައި ހެދި ޓެސްޓުތަކުން، ނުރައްކަލެއް އޮތް ކަމަށް ބެލެވޭ މައްސަލައެއް ފާހަގަކުރެވިފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން އާންމުކޮށް، ހާމަކޮށްފައެއް ނުވެއެވެ.

ބޮއިންގް ކުންފުނިން ބުނީ، ވައިގެ އުދުހުންތަކުގައި ބޭނުންކުރުމަށް ރައްކާތެރި މޮޑެލްއެއްގެ ބޯޓަކަށް މި މޮޑެލްގެ ބޯޓުތައް ބަދަލުކުރުމަށް އެފް.އޭ.އޭއާއިއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ދާ ކަމަށެވެ. އަދި ސޮފްޓްވެއާއަށް ގެންނަ އިސްލާމީ ބަދަލާއެކު މައްސަލަ ހައްލުވެގެންދާނެ ކަމަށް އުއްމީދުކުރާކަމަށްވެސް ބޮއިންގް ކުންފުނިންވަނީ ބުނެފައެވެ.