ދުނިޔޭގެ އެއްވަނަ ކުޑަކުދިންގެ ޓީވީ ޗެނަލް ކަމަށްވާ ނިކަލޯޑިއަންގެ ޝޯތައް މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ދީރާގުން ބުނެފިއެވެ.
ނިކަލޯޑިއަން އަކީ ކުޑަކުދިންނާއި އާއިލާތަކުގެ މެދުގައި ބައިނަލްއަގްވާމީ ފެންވަރުގައި އެންމެ މަގުބޫލު އެއް ޗެނަލެވެ. ނިކަލޯޑިއަން އަކީ ވައިކޮމް އިންޓަނޭޝަނަލް މީޑިއާ ނެޓްވޯކްސްގެ (ވީއައިއެމްއެން) ދަށުން ހިންގާ ޗެނަލެކެވެ. އަދި ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.
ދިރާގު ޓީވީ އިން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ، ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް އަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެ ޓީވީގެ "އިންޓްރޯ އޮފާ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ބޭނުން ކުރެވޭނެ ކަމަށެވެ.
ދިރާގު ޓީވީގެ ވީއޯޑީ ފީޗާ ބޭނުން ކުރާނެ ގޮތް
ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "ވީއޯޑީ" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން ވީއޯޑީ ކޮންޓެންޓްތައް ބައްލަވާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ޓީވީ ހިދުމަތް ފޯރުކޮށްދީފައި ވާނެ ކަމަށް ދިރާގުން ބުނެއެވެ.