ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވައިގެން ހައްދަވާފައިވާ ގޯސްތަކަށް އިންސާފު ހޯދާ، އެމަނިކުފާނު އިންސާފުގެ ކުރިމައްޗަށް ގެނެވޭނީ އިދާރާތަށް ރިފޯމް ކޮށްގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ހައްދަވާފައިވާ ގޯސްތައް ބެލުން އަވަސް ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ކަންކަން ވަމުންދާ ގޮތް ވަރަށް ސާފު ކަމަށާއި، މިކަން ކޯޓަކުން ނިންމާލެވޭކަށް ނެތް ކަމަށެވެ. އަދި މިކަންކަން ތަހުގީގުކުރާ އިދާރާތަކުގައި އަދިވެސް ތިއްބެވީ ކުރީގެ ރައީސް ޔާމީން އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުން ކަމަށެވެ.

މީކާއިލް ވިދާޅުވީ ޔާމީންގެ މައްސަލަ ބަލާނެ އިދާރާއެއް ނުވަތަ ކޯޓެއް ހުރި ނަމަވެސް، އެތަނުގައި ތިއްބެވީ ޔާމީން އައްޔަން ކުރެއްވި ބޭފުޅުން ކަމަށާއި، އެތަންތަނުން މި މައްސަލަ ބަލާނަމަ ޔާމީން ދޫވެގެން ފިއްލަވާ ތަން ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލަކަށް އަދިވެސް ހުންނެވީ ހުރިހާ ޖަރީމާއެއް ހިންގެވި ބޭފުޅާ ކަމަށާއި، މިހާރު އޮތް މަޖިލީހުން ވެސް އެކަމާ އަޅާނުލާ ތިބެނީ ކަމަށެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުން އަމުރެއް ނެރިގެން ޔާމީން ހައްޔަރު ކުރެއްވުމުން، ހައިކޯޓުން ދޫކޮށްލާފައިވާ އިރު އެ ކޯޓުގެ ފަނޑިޔާރު ކަމުގައި މިހާރު ހުންނެވީ ޔާމީންގެ އެންމެ އަރިސް ލޯޔަރު ކަމަށް މީކާއިލް ވިދާޅުވިއެވެ.

"ހައިކޯޓުގައި ހުންނެވީ ޔާމީންގެ އެންމެ އަރިސް ލޯޔަރު ފައިސަލް އަދި އެބޭފުޅާ ކުރިން ޖޭއެސްސީއަށް އައްޔަންކުރެއްވި މެންބަރު. ދެން މިހުންނަވަނީ ޝުޖާއު އުސްމާން. ގއ. ވިލިނގިލިގައި ޔާމީން ކެމްޕޭނަށް ވަޑައިގެންނެވި އިރު، އެންމެ ކުރީ ސަފުގައި ގުދަށް އެމަނިކުފާނުގެ ހުޝާމަދުގައި އޮންނެވީ ޝުޖާއު އުސްމާނު. ދެން ކިހިނެއްތޯ އަޅުގަނޑުމެންނަށް އަބްދުﷲ ޔާމީން އިންސާފުގެ ކުރިމައްޗަށް ގެނެވޭނީ،"
މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ މި ހިނގާ 19 ވަނަ މަޖިލީހުން ޔާމީން އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެ އިދާރާތައް ރިފޯމް ކޮށް ކޯޓުތައް އިސްލާހު ކުރުން ކަމަށެވެ. އަދި އެނޫން ގޮތަކަށް ޔާމީނާމެދު ޕްރޮސެކިއުޓް ކުރެވިގެން އެމަނިކުފާނުގެ މައްސަލައެއް ކޯޓަށް ހުށަހެޅިގެން ދާއިރު، އެންމެ ފަހުން އެމަނިކުފާނު ދޫވެ ފިއްލަވާ މަންޒަރު ފެންނާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ހިނގައިދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށް އިޝާރާތް ކުރައްވަމުން މީކާއިލް ވިދާޅުވީ މިރާއްޖޭ ނުދެކޭވަރުގެ ބޮޑެތި ޖަރީމާތައް ހިންގި ކަމުގެ ތުހުމަތު އެމީހެއްގެ ބޮލުގައި އެޅިފައިވާ އަދި މި ރާއްޖެއިން ނުގެއްލޭވަރަށް ފައިސާ ގެއްލުވާލި ކަމަށް ނުވަތަ ވައްކަން ކުރެއްވިކަމަށް ތުހުމަތުކުރެވޭ ބޭފުޅަކު އިންސާފުގެ ކުރިމަައްޗަށް އަދިވެސް މަޖިލީހުން ނުގެނެވޭ ކަމަށެވެ.

އަދި ރާއްޖޭގައި ނޫސްވެރިންނާއި ސިޔާސީ މީހުންނާ، އަދި ކުރިއަށް އޮތްތަނުގައި އެމަނިކުފާނުގެ [ޔާމީން] ގެ ވާދަވެރިން ކަމަށް ޝައްކު އުފެދޭ މީހުން ގެއްލުވާލައި މަރާލިކަމުގެ ތުހުމަތު އެޅުވިފައިވާ މީހަކު އަދިވެސް މިވަނީ އިންސާފުގެ ކުރިމައްޗަށް ނުގެނެވި އެތަކެއް އެތަކެއް ދުވަހެއް ވެފައިކަމަށް މީކާއިލް ވިދާޅުވިއެވެ.