ސްރީލަންކާގެ ޑަންކޮޓުވާގައި ހިންގާ ހަފުތާ ބަޒާރަކުން ވިޔަފާރި ކުރުމުގެ ފުރުސަތު މުސްލިމުންނަށް ނުލިބޭ ގޮތަށް އެސަރަހައްދުގެ ލޯކަލް ކައުންސިލުން ހަމަޖެއްސުމާއެކު، އެކަން މަނާކުރުމަށް ސްރީލަންކާ ފުލުހުން ނިކުމެ، ހުއްޓުވައިފިއެވެ.

މިއީ އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާއަށްފަހު، ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ކުރިމަތިވަމުން އަންނަ ސިލްސިލާ ގޮންޖެހުންތަކުގެ ޗޭނަށް އިތުރުވި ބޮޅެކެވެ.

ވެރިރަށް ކޮޅުނބުގެ 47 ކިލޯމީޓަރު އުތުރުން އޮންނަ ޑަންކޮޓުވާގައި ބާޒާރުގައި ބައިވެރިވެ ވިޔަފާރިކުރުމުގެ ހުއްދަ، މުސްލިމުންނަށް ނޯންނާނެކަމަށް އެ ސަރަހައްދުގެ ލޯކަލް ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް، އެ ނިންމުމާ ދެކޮޅަށް ކޯޓު އަމުރެއް ހޯދާފައިވާކަމަށް ސްރީލަންކާ ފުލުހުންގެ ސުޕްރިންޓެންޑެންޓް ކޭ އޭ ބީ ކުމާރަޕެއްލީ ވަނީ ވިދާޅުވެފައެވެ.

އެ ބާޒަރުގައި މުސްލިމުން ހަރަކާތްތެރިވުމަކީ ހަމަނުޖެހުން ހިންގުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް ބުނެ، ހަފުތާ ބާޒާރުގައި މުސްލިމުންނަށް ބައިވެރި ނުވެވޭ ގޮތް ހަދާފައިވާ ކައުންސިލްގެ ޗެއާމަނަކަށް ހުންނަނީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސައާއި ގުޅުން އޮންނަ ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ މީހެއް ކަމަށް ޚަބަރު ލިބެއެވެ. މި ސަރަހައްދުގައި އާބާދީގައި ގިނައީ ނަސޯރާ ދީނުގެ މީހުންނެވެ.

ސްރީލަންކާ ފުލުހުން ބުނީ އިސްލާމް ދީނާ ދެކޮޅަށް، ދީނާ މެދު ނަފުރަތު އުފައްދަން މިފަދަ ފުރުސަތުތައް ދެވެން ނުއޮންނާނެ ކަމަށެވެ.