ޒަމާން ތަރައްގީވެ ކުރިއަރަމުން އަންނަ ދުނިޔެއާ އެއް ވަރަށް ފައިތިލަ ހަމަކުރުމަށް ދިވެހިން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ތެރޭގައި ކުށްތަކަށް އަރައިގަނެވި އެހުރިހާ ކަމެއް 'އޯކޭ' ވެފައި ތިބޭ ތިބުމަކީ މި ޖީލު ވިސްނާލަން ޖެހޭ ނާޒުކު މައްސަލައެކެވެ.
ވެސްޓާން ސްޓައިލް ނުވަތަ ޒަމާނީ ޓްރެންޑަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަމުން ދިވެހިން އަންނަ ކަމީ މިހާރު އާންމުވަމުން އަންނަ ފެޝަނެކެވެ. ޒަމާނީ ސްޓައިލްގެ ތެރޭގައި ލައި އުޅޭ އަންނައުނާއި، ހިނގާ ބިނގާވެ އުޅޭ ގޮތާއި، މީހުންނާ މުއާމަލާތު ކުރާ ގޮތާއި ދަރިން ތަރުބިއްޔަތު ކުރުމުގެ މިންގަނޑުތައް ވެސް މިވަނީ ބަދަލުވެ ދިވެހިންގެ ތެރޭގައި ކުރީގައި ގެންގުޅެމުން އައި ރިވެތި އާދަކާދަތައް ފޮހެވިގެން ދާ ހިސާބަށް ގޮސްފައެވެ.
ގުނާ އަދަދު ނުކުރެވޭ ވަރަށް ކުށްތައް ގިނަވަމުން ދާ އިރު މި ފަދަ ކުށްތަކުގެ ތެރޭގައި ކުޑަކުދިން ޝާމިލްވާ މައްސަލަ ގިނަ ވަމުން އަންނަ ކަމީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.
18 އަހަރުން ދަށުގެ ވިހެއުމުގެ މައްސަލަތައް
ވިހާފައި އޮންނަ ތުއްތު ކުދިން ދަޅުދަޅުގައާއި ނުވަތަ ޖަންގްޝަންތަކުން ފެނުމަކީ ކުރިން އާންމުކޮށް އިވެމުންދިޔަ އަޑެކެވެ. ނަމަވެސް މިހާރު ކުޑަކުދިން ވިހެއުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދާދި ފަހުން ހިނގާފައިވާ ކަމަކަށް އަލިއަޅުވާލަމާ ތޯއެވެ.
މެދު ރާއްޖެތެރޭގެ އާބާދީ ބޮޑު ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ބަލިވެ އިނދެ 16 އަހަރުގެ އަންހެން ކުއްޖަކު ވިހައިގެން އުޅޭ ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާން ފުރިހަމަ ކުރި އަންހެން ކުޖާ ވިހާފައި ވަނީ އެރަށުގެ ހޮސްޕިޓަލުގައި ކަމަށް ވާއިރު، ސޯޝަލް މީޑިއާގައި ތުއްތު ކުއްޖާ އުރާލައިގެން 15 އަހަރުގެ ފިރިހެން ކުއްޖާ ހުންނަ ފޮޓޯ ދައުރުވަމުން ދާ ދިޔުމަށް ފާޑުކިޔާ މީހުންނާއި އެ ކުދިން ކުރި ކުށަށް ހިތްވަރުދެމުންދާ ދިވެހިން ގިނަކަން ފާހަގަ ކޮށްލެވެއެވެ. ގިނަ ބައެއްގެ ޝަކުވާތައް ރައްދުވަމުން ދިޔައީ ގާނޫނު އަސާސީއަށެވެ. ކައިވެނި ކުރުމުގެ އުމުރު ފުރާ 18 އަހަރަށް އޮންނަ އޮތުން ބަދަލު ކުރުމުން އެފަދަ ކުށްތަކަށް އަރައިގަންނަ ކުދިންގެ އަދަދު މަދުވެގެން ދާނެ ކަމަށް އެއް ބަޔަކު ބުނެއެވެ. 18 އަހަރުވުމުން ނޫނީ ކައިވެނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވާ ކަމަށް އިޝާރާތް ކުރަމުން އާންމުންގެ މީހަކު ބުނެފައިވަނީ އެކަމަކީ ބިސްމީގެ ބަރަކާތުން ޒިނޭ ކުރުމަށް ހުޅުވާލެވިފައިވާ މަގެއް ކަމަށެވެ.
ކައިވެނީގެ ބޭރުން 18 އަހަރުން ދަށުގެ ދެ ކުދިން ކުށްވެރި ކުރެވެން ނެތްކަމަށް ބުނާ މީހުން ކުށްވެރި ކުރަމުން އަންނަނީ އެ ކުދިންގެ މައިންބަފައިންނެވެ. އެފަދަ އަމަލެއް ހިނގުމަށް އެކުދިންނަށް މަގުފަހި ވުމަކީ މައިންބަފައިން އިހުމާލުވާ ކަމެއް ކަމަށާއި ސަރުކާރުގެ މިފަދަ ކަންކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބައެއް މީހުން ގޮވާލަމުންވެސް އެބަދެއެވެ. އެގޮތުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެކުދިން ގެންގޮސް ބެލެނިވެރިންނަށް ދޭންޖެހޭ އަދަބު ދިނުމަށްވެސް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ.
މީގެ އިތުރުން މިދިޔަ މަހު، އުތުރުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހޭ މައްސަލައެއްވެސް ވަނީ ފެންމަތި ވެފައެވެ. އޭނާ ވިހޭ ތުއްތު ދަރިފުޅު މަރުވެފައި ވުމުން އެކަން ހިނގާ ދިޔަ ގޮތް ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ. އެކުއްޖާ ގޭގައި ވިހޭއިރު، އޭނާގެ މަންމަގެ އިތުރުން އޭނާގެ ލޯބިވެރިޔާ އެކަމުގައި ޝާމިލްވެފައި ވެއެވެ.
ގެއްލިހެން ހޯދާ ކުޑަކުދިންގެ މައްސަލަތައް
މި މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ، ދަފްތަރު ނަންބަރު ރސ 2997، ގެއްލިގެން ހޯދަމުން ދާއިރު އަދިވެސް އޭނާ ނުފެނެއެވެ. މިއަދާ ހަމައަށް ހަތް ދުވަސް ވީ އިރު އުމުރުން 14 އަހަރުގެ މި ކުއްޖާ ނުފެންނާތީ އެތައް ބައެއްގެ ފާޑު ކިއުން ވަނީ ޖެންޑާ މިނިސްޓްރީއަށް އަމާޒުވެފައެވެ.
މި ކަމާ ގުޅުން ހުރި ލިޔެކިއުމެއް ވަނީ ސޯޝަލް މީޑިއާގައި ލީކު ކޮށްލާފައެވެ. ލީކު ކޮށްލާފައިވާ ކޯޓު އަމުރުގައި ވަނީ، މި މަހުގެ 18 ވަނަ ދުވަހުގެ 9:29 ގައި ކުޑަކުދިންގެ ހިޔާއިން ޝައިމް ފިލައިގެން ގޮސްފައިވާ މައްސަލައިގައި ގެއެއް ބަލާ ފާސްކުރުމަށެވެ. އަދި ގަރީނާއެއްގެ ގޮތުގައި ބުނެފައި ވަނީ ޝައިމް ފިލައިގެން ގޮސްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާއިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން ވަނީ މިކަން ދޮގުކޮށްފައެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ ހިޔާއިން ގެއްލިގެން ކަމަށް ބުނެ ހޯދަމުންދާ ޝައިމް އަކީ ހިޔާގައި ހުރި ކުއްޖެއް ނޫން ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީ ކުށްވެރިކޮށްފައި ޕީއެންސީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ޝައިމްގެ މައްސަލައިގެ އިތުރުން މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މައްސަލައަށް ވެސް އަލިއަޅުވާލާފައި ވެއެވެ. އެގޮތުން ޖެންޑާ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރަކީ މީގެ ކުރިން ވެސް ވ. ރަކީދޫން ވަރަށް އިހާނެތިކޮށް މަރާލެވުނު އިބްތިހާލްގެ މައްސަލަ ބެލުމުގައި ވެސް އިހުމާލުވި ފަރާތެެއް ކަމަށް ކޮންގްރެސް ޕާޓީން ބުނެފައި ވެއެވެ.
މީގެ އިތުރުން، އަތޮޅުތެރޭ ރަށެއްގައި ދެ ކުއްޖަކު ގެންގޮސް ފޮރުވައިގެން އުޅުނު މައްސަލައެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޝައްކު ކުރެވޭ އުމުރުން 29 އަހަރުގެ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ދެކުދިން ހޯދާފައި ވަނީ އެކުދިން އާއިލާއަށް ފިލައިގެން ގޮސް އުޅެނިކޮށެވެ. އަދި އެ އޮޕަރޭޝަނުގައި އެކުދިން ހޯދާ އެކަމުގައި ޝާމިލުވާ މީހާ ހައްޔަރު ކުރި އިރު އެ ކުދިން ބައިތިއްބާފައި ތިބި ގެއިން މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ސާމާނާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓަކާއި ކަރުދާސް ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް މިދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ޖެންޑާ މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މާޗްމަހުގެ ނިޔަލަށް ކުޑަކުދިންނަށް ލިބިފައިވާ އަނިޔާގެ 747 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އޭގެތެރޭގައި އެންމެ ގިނައީ ޖިންސީގޮތުން ގޯނާ ކުރުމުގެ މައްސަލައާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އަންހެން ކުދިންނަށް ޖިންސީ ގޮތުން ގޯނާ ކޮށްގެން 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ އިރު ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ވާ 60 އާއި ގާތްކުރާ މައްސަަލަ ހިމެނެއެވެ. އަދި މީގެތެރެއިން ގެވެށިއަނިއާ ލިބިފައިވާ ކުދިންގެ އަދަދު 120 އާއި ގާތްކުރެއެވެ.
މި ފަދަ މައްސަލަތަކަށް ބަލައިލައި އިރު، ދާދި ފަހުން މެދުރާއްޖެތެރޭ ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ފިރިހެން ޓީޗަރަކު އެކި ފަހަރު މަތިން އެ ސްކޫލުގެ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ. މި މައްސަލައިގައި ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު މެދުރާއްޖެތެރޭ ރަށެއްގެ ސުކޫލެއްގެ 46 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު އެ ސްކޫލުގެ އަންހެން އަދި ފިރިހެން ކުދިންތަކަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ޓީޗަރު ހައްޔަރުކޮށްފަައިވާ ކަމަށެވެ. މި މައްސަލަ ޖެންޑާ މިނިސްޓްރިއަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ.
މީގެ މަސް ދުވަސްކުރިން ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވެއެވެ. މި މައްސަލާގައި އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ ބޮޑުބެރު ގްރޫޕެއްގައި އުޅުނު ޒުވާން ފިރިހެނެކެވެ.
މި ދިޔަ މޭ މަހުގެ ތެރޭގައި ކުޑަ ކުއްޖަކު ލައްވައި، ހަށި ވިއްކުވި މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި ދެކުނުގެ ރަށަކުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ރިޕޯޓު ކޮށްފައި ވެއެވެ. މި މައްސަލައިގެ އެ ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެގެ އިތުރުން 71 އަހަރުގެ، އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. މި މައްސަލައިގައި 71 އަހަރުގެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މައިންބަފައިންގެ އިހުމާލުން ކުޑަކުދިންނަށް ލިބޭ އަނިޔާ
މައިންބަފައިންގެ އިހުމާލުން ކުދިންނަށް ލިބޭ އަނިޔާ ތަކަކީވެސް މީގެ ތެރެއިން ފާހަގަ ކޮށްލެވޭ ކަމެކެވެ. ކުޑަކުދިންނަށް ލިބޭ އަނިޔާގެ ތެރެއިން ޖިންސީ ގޯނާއަށް ފަހު ދެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވާ ދެވަނަ މައްސަލައަކީ މައިންބަފައިންގެ އިހުމާލުން ކުދިންނަށް ލިބޭ އަނިޔާއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް މައްސަލައަކީ މަންމަ އަކު އަނިޔާ ކޮށްގެން އޭނާގެ އަމިއްލަ ދަރިފުޅު މަރުވި ހާދިސާއެވެ.
އަނިޔާވެރި ގޮތަކަށް ވ. ރަކީދޫގައި މަރާލާފައި އޮއްވައި ފެނުނު ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި އިރު، މިހާރުގެ ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފު އޭރު ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. މި މައްސަލަ އެތައް ދުވަހަކަށް ދިގު ދެމިގެން ގޮސް 2017 ވަނަ އަހަރު އެޗްއާރުސީއެމުން ކުރަމުން ދިޔަ ތަހުގީގާ ގުޅިގެން ޝިދާތާގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ. ނަމަވެސް ޝިދާތާ އެއިރު ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އިބްތިހާލްގެ ހަށިގަނޑު ބެލި ޑޮކްޓަރު ދިން ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނޭވާ ހާސްކުރުމުގެ ގޮތުން ކަރުގައި ހިފާފައި ހުރިކަމަށް ބެލެވޭ ނިޝާންތަކެއް އެކުއްޖާގެ ކަރުން ފެންނަން ހުރި ކަމަށާއި އެކުއްޖާގެ ކަނާތް ފަރާތު ނިތްކުރިއާ ދިމާލުން ބައެއް ދުޅަވެފައި ހުރި ކަމަށް ވެއެވެ. އަދި އިބްތިހާލްގެ މޫނުމަތީގައި އެކިވަރުގެ ކުދި ޒަހަމް ހުރި ކަމަށާއި ކަނާތު ކަންފަތުގައި ފާރުގަނޑެއް ހުރުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެކިފަހަރު މަތިން ލިބިފައިވާ އަނިޔާގެ ލަކުނުތައް ފެންނަން ހުރި ކަމާއި މޭކަށިތަކުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައި ހުރިކަން ފާހަގަ ކޮށްފައި ވެއެވެ.
މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 364 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެރެއިން އެންމެ ގިނަ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު ކަމަށާއި، އެންމެ ގިނަ މައްސަލަ އައިސްފައި ވަނީ ކުޑަކުދިންނަށް އިހުމާލު ވުމުން ކުދިންނަށް ލިބިފައިވާ އަނިޔާތަކުގައި ކަމަށް އެ ރިޕޯޓުގައި ވެއެވެ.
2018 ވަނަ އަހަރު ކުޑަކުދިންގެ ކުށުގެ ރެކޯޑްގެ 164 މައްސަަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ސްޓެޓިސްޓިކްސް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ކުދިން ކުރާ ކުށުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތިގެ މައްސަލައާއި މާރާމާރީގެ މައްސަލަައެވެ. ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 41 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކަށް ވާއިރު 34 ޕަސެންޓަކީ މާރާމާރީގެ މައްސަލައެވެ. އަދި މީގެ ތެރޭގައި ވައްކަމުގެ މައްސަލައާއި، ޖިންސީ އަދި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ފޭރުމުގެ މައްސަލަ ހިމެނެއެވެ.
މިފަދަ ކުށްތައް ކުރަމުންދާ ކުދިން އިތުރުވަމުން ދާއިރު މިއީ އަންނަން އޮތް ޖީލު ނުރައްކަލެއްގެ ތެރެއަށް ވެއްޓެން ދާ ކަމުގެ ސިގްނަލެއް ކަން ދަންނަނީ ކޮން ބައެއްތޯއެވެ. މި ފަދަ ގިނަ މައްސަލަތައް ތަހުގީގު ނުކުރެވި މަޑުޖެހިފައި އޮންނަ އޮތުން އާންމުންގެ އެތައް ބަޔަކު ކުށްވެރި ކުރަމުން ދެއެވެ. މިފަދަ ކުށްތަކަށް އަރައިގަންނަ ކުދިން ގިނަވަމުން އަންނަ އިރު މިކަމުގައި އިހުމާލުވާ ފަރާތްތަކަށް މިކަން ރަނގަޅު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭތޯ މިއީވެސް އުފެދޭ ސުވާލެކެވެ. މިކަމުގައި އިނގިލި ދިއް ކުރެވެން އޮތީ ހަމަ އެކަނި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކަކަށް ނޫނެވެ. އަމިއްލަ ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އިހްމާލު ވެވޭ މިންވަރާއި އަދި އެއީ ކުއްޖާ އުޅެ ބޮޑުވާ މާހައުލުން އެކުދިންނަށް ދަސްވަމުން ދާ ކަންތައް ތަކުން ކުރާ ނޭދެވޭ އަސަރުކަން ވިސްނާލަންވީ ކަމެއް ނޫންތޯއެވެ.