ރިޔާސީ ކޮމިޝަން ތަކަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
އެ ގާނޫނު ރައީސް ސޯލިހް ތަސްދީގުކުރެއްވުމާ އެކު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.
މި ގާނޫނާ އެކު ރައީސް އެކުލަވާލައްވާފައި ވާ ރިޔާސީ ކޮމިޝަން ތަކަށް، އެކޮމިޝަނުން ކުރާ ތަހުގީގުތަކަށް ދައުލަތުގެ އެހެނިހެން މުއައްސަސާ ތަކުގެ އެހީ ހޯދައި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންދާނެއެވެ. މީގެ އިތުރުން ޖިނާއީ ތަހުގީގު ތަކަށް ބޭނުންވާ ކޯޓު އަމުރުތަކަށް އެދުމުގެ ފުރުސަތުވެސް އެ ކޮމިޝަން ތަކަށް ލިބިގެން ދާނެއެވެ. އަދި ޖިނާއީ މައްސަލަތައް ބަލައި ޕީޖީއަށް ހުށަހެޅުމާއި މަދަނީ މައްސަލަތައް ބަލައި އެޓާނީ ޖެނެރަލަށް ހުށަހެޅުމުގެ ބާރުވެސް، އެ ކޮމިޝަން ތަކަށް މިގާނޫނުގެ ދަށުން ލިބިގެން ދާނެއެވެ.
މަރުގެ މައްސަލަތަކާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައި ވަނީ، މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތައް ބަލާ ކޮމިޝަނެވެ.
މި ގާނޫނު ފާސްކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ބިލަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، 18 ވަނަ ރައްޔިތުންގެ މަޖިލީސް ނިމިގެން ދިޔަ އިރުވެސް ބިލާ ގުޅޭ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ބިލްތަކެކެވެ.