1994 ވަނަ އަހަރުގެ ހޮލީވުޑް ފިލްމް "ފޮރެސްޓް ގަމްޕް"ގެ ބޮލީވުޑް ރީމޭކަށް އާމިރު ހާންއާއި ކަރީނާ ކަޕޫރު ހާން ތައްޔާރުވެފައިވާ ކަމަށް ޚަބަރު ލިބެއްޖެއެވެ.

މީގެ ކުރިން، މި ދެތަރިން އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2012 ވަނަ އަހަރުގެ ފިލްމް "ތަލާޝް"އިންނެވެ.

ޓޮމް ހޭންކްސްގެ މަޝްހޫރު ފިލްމް "ފޮރެސްޓް ގަމްޕް"ގެ ރީމެކެއް ހަދާނެކަން އާމިރު ހާން އިއުލާންކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. މިފިލްމަށް ދީފައިވާ ނަމަކީ "ލާލް ސިންހް ޗައްދާ"އެވެ.

"ލާލް ސިންހް ޗައްދާ"ގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައިވަނީ "ސީކްރެޓް ސުޕާސްޓާ"ގެ އަދުވައިތު ޗަންދަންއެވެ. ސްކްރިޕްޓް ތައްޔާރުކުރަނީ އަތުލް ކުލްކަރުނީއެވެ.

އާމިރު ހާން ޕްރޮޑަކްޝަންސްއާއި ވިއާކޮމް18 ސްޓޫޑިއޯޒް ގުޅިގެން ކޯ ޕްރޮޑިއުސްކުރާ މި ފިލްމުގެ މަންޒަރުތައް ނެގުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށާއިރު، ފިލްމް ރިލީޒް ކުރުމަށް ރާވާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ.

"ފޮރެސްޓް ގަމްޕް"އަކީ ހަމަ މިނަމުގައި ވިންސްޓަން ގްރޫމް، 1986 ވަނަ އަހަރު ޝާއިއުކުރި ވާހަކަ ފޮތެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމުގެ ބޮލީވުޑް ރީމޭކްގައި ކަރީނާ އަދާކުރާނެ ކަމަށް ބެލެވެނީ ޖެނީ ކިއުރޭންގެ ރޯލެވެ. ޖެނީއަކީ ފޮރެސްޓްގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި ޖިންސީ ގޯނާގެ އަނިޔާތަކުން ސަލާމަތްވެފައިވާ މީހެކެވެ.

ކަރީނާ މިވަގުތު ހުރީ އިރުފާން ހާންއާއިއެކު "އަންގްރޭޒީ މީޑިއަމް"ގެ ޝޫޓިންގްގައި ލަންޑަންގައެވެ. ކަރީނާގެ ޝެޑިއުލްގައި ކުރިއަށް ދެން އޮތީ ކަރަން ޖޯހަރުގެ "ތަހުތު" ކަމަށްވާއިރު، އަކްޝޭ ކުމާރާއެކު "ގުޑް ނިއުސް"އިންވެސް ކަރީނާ ފެނިގެންދާނެއެވެ.