ފުރާނައާއި މުދަލަށް ނުރައްކާ ވާ ފަދަ އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަނެއްކާވެސް އިތުރުވެފައި ވާކަމަށް ސްރީލަންކާގައި ދިރިއުޅޭ މުސްލިމުން ބުނަން ފަށައިފިއެވެ.

ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންނަށް އިތުރު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައި މިވަނީ، މުސްލިމު ޑޮކްޓަރަކު، އެތައް ހާސް ބުދިސްޓު އަންހެނުންނަކަށް ދަރިން ނުލިބޭ ގޮތް ހަދާފައިވާކަމަށް ބުނެ، މުސްލިމުން ރަޖަމުކޮށްގެން މެރުމަށް ސްރީލަންކާގެ ބޮޑު ފާދިރީ ވަރަކަގޮޑާ ސްރީ ނާނަރަތަނާ ގޮވާލި ގޮވާލުމާ ގުޅިގެންނެވެ.

ނާނަރަތަނާ ބުނާ ގޮތުގައި ކުރުނެގަލަ ޑިސްޓްރިކްޓްގައި މަސައްކަތްކުރާ މުސްލިމު ޑޮކްޓަރަކު ވަނީ، ބުދިސްޓުންގެ 4000 އަންހެނަކަށް ދަރިން ނުލިބޭ ގޮތް ހަދާފައެވެ. ނަމަވެސް މިކަމުގެ އެއްވެސް ހެއްކެއް ފާދިރީ ދައްކާފައެއް ނުވެއެވެ.

ގައުމީ ޓީވީ މެދުވެރިކޮށް ދުރަށް ފޮނުވި މަންޒަރުތަކެއްގައި ފެނިގެން ދިޔައީ، މުސްލިމުން ރަޖަމުކުރުމަށް ނާނަރަތަނާ ހިތްވަރުދިން މަންޒަރެވެ. އަދި މުސްލިމުން ހިންގާ ރެސްޓޯރަންޓްތަކުން ނުކެއުމަށާ، އެ ރެސްޓޯރަންޓްތަކުން ބުދިސްޓު އަންހެނުންނަށް ކާންދޭ އެއްޗިއްސަށް ހުންނަނީ ދަރިން ނުލިބޭ ބޭސް އަޅާފައި ކަމަށް ދޭހަވާފަދަ އިޝާރާތެއްވެސް ނާނަރަތަނާ ވަނީ ކޮށްފައެވެ.

އޭނާގެ ވާހަކަތައް ދިފާއުކޮށް ވާހަކަދައްކަމުން ނާނަރަތަނާ ބުނީ، އެ ވާހަކަތަކަކީ އާންމުންގެ މެޖޯރިޓީއާއި އެއްގޮތަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.

އެކްޓިވިސްޓުން އިއްތިފާގުވާ ގޮތުގައި ބޮޑު ފާދިރީ ކަނޑައެޅިގެން ވާހަކަ ދައްކާފައިވަނީ ނަފުރަތު އުފެއްދުމުގެ ރޫހުގައެވެ. އަދި މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް އެކްޓިވިސްޓުންވަނީ، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއަށް ގޮވާލާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީން ޢަބްދުލް ސަރޫރު ބުނީ، ނާނަރަތަނާ ފަދަ މީހަކު، އެފަދަ ރޫހެއްގައި ވާހަކަ ދެއްކުމަކީ ބުދިސްޓުންގެ ޒުވާން ޖީލުން ވަރަށް ސީރިއަސްކޮށް ނަގާނެ ވާހަކަތަކެއް ކަމަށާ، ނާނަރަތަނާ އެދަނީ ހަމަނުޖެހުންތަކަށް ހިތްވަރު ދެމުން، ވިހަ ލަމުންކަމަށެވެ.

ވެރިރަށް ކޮޅުނބުގައި މަސައްކަތްކުރަމުން އަންނަ މުސްލިމު ނޫސްވެރިއަކު ބުނީ ނާނަރަތަނާގެ ވާހަކަތަކާ މެދު ހައިރާންވާކަމަށާ، މުސްލިމުންގެ ފުރާނައާއި މުދަލަށް އަނެއްކާވެސް އިތުރު ގެއްލުންތަކަކާ ނުރައްކާތަކެއް ކުރިމަތިވެގެން ހިނގައިދާނެ ކަމާ މެދު ބިރު ގަންނަ ކަމަށެވެ.

ކެންޑީގައި މަސައްކަތްކުރާ މުސްލިމު ވިޔަފާރިވެރިއަކު ބުނީ، އޭނާގެ ރަހުމަތްތެރިންނާ އާއިލާގެ މެމްބަރުން ކޮންމެ ދުވަހަކުވެސް މަސައްކަތު ދަނީ، ކޮންމެވެސް ދެރަކަމެއް ކުރިމަތިވާނެކަން ގަބޫލުކޮށްގެން ކަމަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ (ވ) އަދި ރައީސް މައިތްރިޕާލަ ސިރިސޭނާ/ފޮޓޯ: އޭޝިއާ ނިއުސް

ޔުނިވާސިޓީ އޮފް ކޭމްބްރިޖްގެ ފެލޯޝިޕް ޕްރޮގްރާމެއްގައި ހުރި ޑރ ފަރުޒާނާ ހަނީފާ ބުނީ އެންމެ ހައިރާންވާކަމަކީ، މިފަދަ ވާހަކަތަކަށް ރައީސް ސިރިސޭނާއާއި ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ބީރުކަންފަތެއް ދެއްވައިގެން ތިއްބެވި ތިއްބެވުން ކަމަށެވެ.

ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ނާނަރަތަނާ ކުށްލި ގޮތަކަށް މިނިވަންކުރީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. ނާނަރަތަނާ މިނިވަންކޮށްފައި ވަނީ ކޮން ސަބަބަކާ ހެދިކަން އަދާޖެހެންދެންވެސް ސާފެއް ނުވެއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގައި މުސްލިމުން ދިރިއުޅެމުންދަނީ އިންތިހާއަށް ގޮސްފައިވާ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެގޮތުން ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމާ ލަންކާގެ މުސްލިމުން ކުރިމަތިލީ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިން ސިލްސިލާ ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ.