އެކްތާ ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "މެންޓަލް ހޭ ކިޔާ"ގެ ނަން ބަދަލު ކުރުމަށް، އިންޑިއާގެ ފިލްމު ސެންސަރު ބޯޑު (ސީބީއެފްސީ)އިން އިރުޝާދު ދީފިއެވެ.

ކަންގަނާ ރެނޯޓްއާއި ރާޖުކުމާރު ރާއޯގެ އެކްޓިންގް ފެނިގެންދާ ފިލްމު، އަންނަ މަހުގެ 26ގައި އަޅުވަން ހަމަޖެހިފައިވާއިރު، ފިލްމުގެ ޓްރޭލާ އާންމުކުރުން މިހާރު ވަނީ 2 ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. ކަންމިހެން އޮތްއިރު، ސީބީއެފްސީއިން ވަނީ، ފިލްމުގެ ޓްރޭލާ އާންމު ކުރުމުގެ ކުރިން، "މެންޓަލް ހޭ ކިޔާ"ގެ ނަން ބަދަލުކުރުމަށްވެސް އަންގާފައެވެ.

"މެންޓަލް ހޭ ކިޔާ"ގެ ނަމާ ދެކޮޅަށް އެންމެ ފާޅުގައި އަޑުއުފުލަމުންދަނީ، ނަފްސާނީ ބަލިތަކުގެ މީހުންގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކުންނާ، ނަފްސާނީ ބަލީގެ ތަކުލީފުތައް އުފުލަމުންދާ މީހުންނެވެ. މި ފިލްމުގެ ނަމަކީ، ނަފްސާނީ ބަލީގެ މީހުންނަށް ކުރާ ފުރައްސާރައެއްކަމަށް ގިނަ ބަޔަކު ސިފަކުރާއިރު، ފިލްމުގެ ނަން "ސެންޓިމެންޓަލް ހޭ ކިޔާ"އަށް ބަދަލު ކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. މި ނަމާ މެދު ފިލްމުގެ ޓީމުން ވިސްނަމުންދާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފިލްމުގެ މަސައްކަތް އިއުލާން ކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "މެންޓަލް ހޭ ކިޔާ"ގެ ނަމަމަށް ވެގެންދާނެ ގޮތެއް ކަށަވަރުވާނީ، ސިނަމާތަކުގައި މި ފިލްމު އަޅުވާ ދުވަހުއެވެ.