މޫސުމީ ވިއްސާރާ ލަސްވެ، ރިޒަޔަވޮޔާތަކާ ކޯރުތަކާ ފެންވަޅުތައް ހިނދުމުގެ ސަބަބުން ފެނަށް ޖެހިފައިވާ ޓެމިލް ނާޑޫ ސްޓޭޓަށް، އަވަށްޓެރި ކެރެލާ ސްޓޭޓުން ފޯރުކޮށްދިން ފެނުގެ އެހީ ބޭނުން ނުވާކަމަށް ޓެމިލް ނާޑޫއިން ބުނެފައިވާކަމަށް، ކެރެލާއިން ހާމަކޮށްފިއެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖޭޔަންގެ އޮފީހުން ބުނީ ހަނަފަސްކަން ކުރިމަތިވެފައިވާ ޓެމިލް ނާޑޫއަށް 20 ލައްކަ ލީޓަރުގެ ފެން ފޯރުކޮށްދޭނެ ކަމަށް ބުނުމުން އެ އެހީ ގަބޫލުކުރުމަށް ޓެމިލް ނާޑޫއިން އިންކާރުކޯށްފައިވާކަމަށެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓެމިލް ނާޑޫއަށް ބޭނުންވާ މިންވަރަށް މިހާރު އެ ސްޓޭޓްގައި ފެން އެބަހުރި ކަމަށާ، ކެރެލާގެ ފަރާތުން އިތުރުން އެހީތެރިކަމެއް ބޭނުން ނުވާކަމަށް ޓެމިލް ނާޑޫއިން ބުނެފައިވާކަމަށެވެ.

ކަންމިހެންއޮތްއިރު ޗެންނާއީ ވަނީ އިންތިހާއަށް ފެނަށް ޖެހިފައެވެ. މި ދަނޑިވަޅުގައި ކެރެލާއިން ފޯރުކޮށްދިން އެހީތެރިކަން "ބޮލާލާ ނުޖެހުމަށް" ކުރެވެން ހުރި ކަމެއް ކޮށްދިނުމަށް ޓެމިލް ނާޑޫ ސްޓޭޓްގެ އިދިކޮޅު ލީޑަރު ވަނީ، އެ ސްޓޭޓްގެ ސަރުކާރަށް ގޮވާލާފައެވެ.

ޗެންނާއީއަށް ހަނަފަސްކަން ކުރިމަތިވެފައިވާއިރު، އެސަރަހައްދުގެ ރައްޔިތުން ބޯފެން ނަގަމުންދާ އެންމެ ބޮޑު ފެންގަނޑުތައްވެސް ވަނީ ހިނދިފައެވެ.