ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރުގެ ހުކުމް އައްވާފައިވާ ހުސައިން ހުމާމް އަހުމަދާ މެދު އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ، އދ އިން ނެރުނު ރިޕޯޓަށް ސަރުކާރުން ޖަވާބުދާރީވުމަށް ހުމާމްގެ އާއިލާއިން ގޮވާލައިފިއެވެ.
ހުމާމްގެ އާއިލާއިން މިރޭ ނުރެނު ނޫސްބާޔާނުގައި ބުނެފައި ވަނީ، އދ ގެ އެންގުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކަމިޝަނުން ބީރު ކަންފަތެއް ދީފައިވާތީ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ތިބޭ ބައެއްގެ ފަރާތުން އިހުމާލުވެފައިވާ ކަން ފާހަގަކުރަމުން އެ އާއިލާއިން ބުނީ، މީގެ ކުރިން ބަންދުގައި ތިބި ސިޔާސީ ކުށްވެރިންނަށް ހުމާމްގެ ހާލަތުވާނީ ވަރަށް ސާފުކޮށް ފެނިފައި ކަމަށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށް ބުނެ މސޯޝަލް މީޑިއާގައި ދައުރުވަމުން ދާ އޯޑިއޯއާ ހަވާލާދީ ހުމާމްގެ އާއިލާއިން ބުނީ، މި އޯޑިއޯތަކުގައި ދެކެވިފައިވާ ވާހަކަތަކުގެ ތެރެއިން ޑރ. އަފްރާޝީމްގެ މައްސަލައާ ގުޅުންހުރި އަދި ހުމާމާ ބެހޭގޮތުން ދެކެވިފަިއވާ ވަހާކަތައް މީހާރުން މިހާރަށް ފުލުހުންނަށާއި، މަރުތަކާއި ބެހޭ ކޮމިޝަން އަދި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ތަހުގީގު ކުރުމަށެވެ.
އދ. ގެ ރިޕޯޓުގައި ވާ ގޮތުން ހުމާމުގެ މައްސަލައިގައި އަލުން ދައުވާ ކުރަން ފެންނަ ކަމުގައި ވާނަމަ، މުއާހަދާގެ 6 ވަނަ މާއްދާއާ 14 ވަނަ މައްދާ އާ އެއްގޮތް ވާގޮތުގެ މަތީން އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކުރުމަށް، ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށް ބަޔާން ކޮށްފައިވެއެވެ. އެ ގޮތުން މައްސަލަ ކުރިއަށް ގެންދިއުމަށް ނަފްސާނީ ގޮތުން ހުންނަންޖެހޭ ގާބިލުކަން ހުމާމްގެ ކިބައިގައި ހުރިތޯ ބެލުމަށް، ސައިކޭޓްރިކް ޓެސްޓެއް ހެދުމުގެ އިތުރުން ހުމާމް އަށް ދޭންޖެހޭ މާލީ ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ހުމާމް ދޫކޮށްލުމަށާއި އޭނާއަށް ބަދަލު ދިނުމަށް، އދ. އިން ސަރުކާރަށް އަންގާފައި ވާކަމަށް، މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އދގެ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ އަހުމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ.