އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދާ ހާއްސަ ތަހުގީގަށް އެއްބާރުލުން ނުނިދުމަށް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް އެގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ގޮވާލެއްވި ގޮވާލެއްވުމާ ދެކޮޅަށް، ސްރީލަންކާގެ ފުލުހަކު، އެ ތަހުގީގަށް ހެކިބަސްދީ، ބަޔާންދީފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަހިލީހުން ކުރިއަށް ގެންދާ ހާއްސަ ތަހުގީގަށް އެއްބާރުލުން ނުދިނުމަށް ސަރުކާރުގެ އިސްވެރިންނަށާ ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުންނަށް ސިރިސޭނާ ގޮވާލެއްވީ، އެ ގޮތަށް ފޯރުކޮށްދެވޭ ބައެއް މައުލޫމާތަކީ ސިއްރު މައުލޫމާތު ކަމުގައި ވެދާނެތީ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ސިރިސޭނާގެ މި ނިންމެވުމަކީ، އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކުގެ ކުރިން، ސްރީލަންކާއަށް ލިބުނު އިންޒާރުތަކަށް ފިޔަވަޅު އެޅިފައި ނުވާ ހަގީގީ ސަބަބު ހާމަވެދާނެތީ ކުރައްވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ސިރިސޭނާގެ އަމުރާ ދެކޮޅަށް ގާނޫނު ހަދާ މަޖިލިހަށް ބަޔާން ދީފައިވަނީ ސްރީލަންކާ ފުލުހުންގެ އިންސްޕެކްޓާ އެން ބީ ކަސްތޫރިއާރައްޗީއެވެ. އިންސްޕެކްޓާ އެން ބީ ކަސްތޫރިއާރައްޗީއަކީ، އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކުގެ މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ހަނގުރާމަވެރިޔާ، ހަމަލާތަކުގެ މަސްތަކެއްގެ ކުރިން އޭނާ ފިލުމާ ހިސާބަށް ދިރިއުޅެމުން ދިޔަ ސަރަހައްދުގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރި ފުލުހެކެވެ.

ދީނީ ހަރުކަށިފިކުރަށް ވަކާލާތުކުރަމުންދިޔަ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިޔާ ޒަހްރާން ހާޝިމު ތައްޔާރުކޮށްފައިވާ ވީޑިއޯ/ފޮޓޯ: ބީބީސީ

އިންސްޕެކްޓާ އެން ބީ ކަސްތޫރިއާރައްޗީ ބަޔާން ދިން މަޖިލީހުގެ ޖަލްސާ ފައްޓަވާ ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް އާނަންދު ކުމާރުސިރީ ވަނީ ޕަބްލިކް ސާވަންޓުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެގޮތުން މައްސަލަ ތަހުގީގުކުރާ މަޖިލީހުގެ ކޮމިޓީއަށް އެއްބާރުލުން ދިނުމަށް އިންކާރު ކޮށްފިނަމަ، 10 އަހަރު ދުވަހާހަމައަށް ޖަލަށް ހުކުމު ކުރުމުގެ ފުރުސަތު އެބައޮތްކުގެ އިންޒާރު، އޭނާ ވަނީ ދެއްވާފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މިފަދަ ޖަލްސާތަކަކީ ދައުލަތުގެ ޓެލެކޮމް ހިދުމަތްދޭ ކުންފުނި މެދުވެރިކޮށް ޓީވީން ދުރަށް ފޮނުވާ މަންޒަރުތަކެއް ނަމަވެސް، ސިރިސޭނާގެ އަމުރުފުޅަކަށް މިކަންވެސް ހުއްޓާލާފައި އޮންނަތާ މިހާރު 2 ހަފުތާއެއްހާ ދުވަސް ވެދާނެއެވެ.