ކޮންމެ މުއައްސަސާއަކުން ވެސް ގާނޫނު ތަންދޭ ގޮތުގެ މަތިން ކަންކަން ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ވިދާޅުވީ، ކޮންމެ މުއައްސަސާއަކުން ވެސް ގާނޫނު ތަންދޭ ގޮތުގެ މަތިން އަދި އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރުމަށެވެ. އަދި މިފަދައިން ގޮވާލައްވަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މައުމޫން މިފަދައިން ގޮވާލެއްވީ، ޖުޑީޝަލް ސާވިސް ކޮމިޝަނާ (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓާއި ދެމެދު ބޮޑު "ކޯޅުމެއް" ފެށިފައިވާ ދަނޑިވަޅެއްގައެވެ. ޖޭއެސްސީ އާއި ސުޕްރީމް ކޯޓާއި ދެމެދު "ކޯޅުން" ފެށިފައިވަނީ، ޖޭއެސްސީ އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން އެ ކޮމިޝަނުން ނިންމި ހިސާބުންނެވެ.
އެގޮތުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓަށް ދީދީ ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލަ ބަލައި ނިމެންދެން އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ބަލައިނުގަނެ ދީދީގެ ސަސްޕެންޝަން ދަމަހައްޓާފައެވެ. އަދި މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ، ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ ސަބަބުން އަޅާ ފިޔަވަޅެއް ޣައިރުގާނޫނީ އަދި ޣައިރުދޫސްތޫރީ ކަމެއް ކަމަށް ބުނެ ބަޔާނެއްވެސް ނެރެފައެވެ.
ފަނޑިޔާރު ދީދީގެ އިތުރުން ވެސް ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީ އަށް ވަނީ ހުށަހަޅާފައެވެ.