މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން، މ. އަތޮޅާއި އައްޑޫ އަތޮޅާ ދެމެދަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ

މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އާ ދެމެދަށް، މ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދަށް ނެރެފައިވާ ވައިޓް އެލާޓްގެ ވަގުތު މިރޭ 9:00 އާ ހަމައަށް އިތުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ދ. އަތޮޅު މާއެނބުދޫއަށް އުދަ އަރައި، އެރަށުގެ ބޮޑު ސަރަހައްދެއް ފެން ބޮޑުވެ މީހުން ދިރިއުޅޭ 8 ގެއަކަށް ފެން ވަދެފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު ފިކުރީ ވިދާޅުވިއެވެ.

އުދަ އެރުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފައި ވަނީ މިއަދު މެންދުރު 1:00 އިން ހަވީރު 4:00 އާ ދެމެދު މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި ދިޔަ ހޮނިހިރު ދުވަހު ނ. މަނަދޫއާއު، ގދ. ފިޔޯރީ، ބ. އޭދަފިށީގެ އިތުރު ރ. އުނގޫފާރަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.