ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މުއްސަނދިކަން ލިބިވަޑައިގެން ގޮތާމެދު، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ހުއްދަ ދިނުމާއި އެކު އެކަމާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައާ ގުޅޭގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް މަޖިލީހަށް ވަނީ ރިޕޯޓެއް ހުށަހަޅާފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނުވަ ވަނަ ޖަލްސާގައި މި ރިޕޯޓަށް ބަހުސް ކުރައްވަމުން އަފީފު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާ ބޮޑު މުއްސަންޖަކަށް އަދީބު ވެވަޑައިގެން ގޮތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އަދީބަށް ނައިބު ރައީސްކަމުގެ މަގާމު، ނުވަތަ އޭގެ ކުރިން ފުރުއްވި ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތް އިރު، އަދީބުގެ މާލީހާލަތު ހުރި ގޮތް އެއީ އާންމުކޮށް އެންމެނަށް އެނގޭ ކަމެއް ކަމަށެވެ.

"އަދީބު ކުރެއްވި ވިޔަފާރިންނެއް. ނުވަތަ މައިންބަފައިން އަތުން މުއްސަނދިކަމެއް އައިސްފައި އޮތީކީއެއް ނޫން. އެހެން ނަމަަވެސް މި ރާއްޖޭގައި ނެތްވަރުގެ ބޮޑު މުއްސަންޖަކަށް ވެއްޖެ."
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު

އަފީފު ވިދާޅުވީ، އަދީބު ކުރެއްވި ވިޔަފާރިން ނުވަތަ އަދީބުގެ މައިންބަފައިންގެ ފަރާތްޕުޅުން މުއްސަނދިކަމެއް ލިބިވަޑައިގެންފައި ނުވާ ކަަމަށެވެ. ނަމަަވެސް މި ރާއްޖޭގައި ނެތްވަރުގެ ބޮޑު މުއްސަންޖަކަށް އަދީބު ވެވަޑައިގެންފި ކަމަށާއި މީ ބަލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ކަން ނުބެލި، އެއްވެސް ކަމެއް ނުކުރައްވާ މީހެއްގެ ގޮތުގައި ބަރީއަވެގެން ވަޑައިގަތުމަކީ މިއަދު އަދުލު އިންސާފު ކަށަވަރުނުވާ ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ.

މީގެ އިތުރުން އަފީފު ވިދާޅުވީ ފަނޑިޔާރުންވެސް މުއްސަނދިވަމުން ދާ ގޮތް އެބަ ފެނިވަޑައިގަންނަވާ ކަމަށެވެ. ގޮތް ނޭނގޭ ގޮތަށް އެބޭފުޅުންގެ އަނބިކަބަލުންގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ޝަރީއަތަށް މިފަދަ މައްސަލަަ ހުށަހެޅުމުން އެއީ ކޮންމެހެން ބަލަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވާ ކަމަށް އަފީފު ވިދާޅުވިއެވެ. ފަނޑިޔާރު ގެތަށްވެސް ވަނީ "ކޮރަޕްޓް" ވެފައި ކަމަށާއި ރާއްޖޭގައި މިފަދަ ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ. ފާނޑިޔާރުން އައްޔަންކޮށްފައި އެ ތިއްބަވަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ކަމަށާއި އެ ފަނޑިޔާރު ގެތަކަކީ ވިޔަފާރި ކުންފުންޏެއް ނޫން ކަމަށާއި، އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާ މުއްސަނދިކަން ހޯއްދެވުމަށް މަސައްކަތް ނުކުރެއްވުމަށް އަފީފު ގޮވާލެއްވިއެވެ.