ސުޕްރީމް ކޯޓަކީ ރާއްޖޭގެެ ރައްޔިތުންނަށް ވުރެވެސް މަތީ ބައެއް ކަމަށާއި ސުޕްރީމް ކޯޓު ސައިޒަށް ތިރިކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ބޭއްވި ނުވަ ވަނަ ޖަލްސާގައި ވަނީ، މި މަހުގެ 13 ވަނަ ދުވަހު ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަޑައިގެން ހިއްސާކުރައްވާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލާފައެވެ. އެ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ، ގާނޫނުއަސާސީން ސުޕްރީމް ކޯޓު ތިބެންޖެހޭ ސައިޒުކަމަށް އެބަޔާން ކުރާ ސައިޒަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެބަ ތިރިވާޏްޖެހޭ ކަމަށެވެ. އަދި އިންސާފުގެ މަގަށް ފެށި މަސައްކަތް އެއްވެސް ހުއްޓުމެއް އަދި އެއްވެސް ބިރެއްނެތި ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާތީ އެކަމާ އުފާކުރާ ކަމަށްވެސް މީކާއީލް އަހުމަދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ނެރެމުންދާ އަމުރުތަކަކީ ރައްޔިތުން މަޖިލީހުގެ ނިންމުންތަކަށް ގޮން ޖެހުމުގެ ގޮތުން ނެރޭ އަމުރުތަކެއް ކަމަށް މީކާއީލް ވިދާޅުވިއެވެ. އެފަދައިން ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކުން އެ ބުނަނީ ގާނޫނުއަސާސީއަށް ވުރެ ސުޕްރީމް ކޯޓު މާ މަތި ކަމަށާއި ރާއްޖޭގެެ ރައްޔިތުންނަށް ވުރެވެސް މަތީ ބައެއް ކަމަށް އެނާ ވިދާޅުވިއެވެ. އެހެންކަމުން ސުޕްރީމް ކޯޓު ސައިޒަށް ތިރިކުރަން ޖެހޭ ކަމަށް މީކާއިލް ގޮވާލައްވާފައި ވެއެވެ.

"ތިރިކުރަން އެބަޖޭހޭ. ގާނޫނުއަސާސީން އެމީހުން އެމީހުން ތިބެނޖެހޭ ސައިޒުކަމަށް އެބަޔާން ކުރާ ސައިޒަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު އެބަ ތިރިވާޏްޖެހޭ."
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ، ޖޭއެސްސީވެސް ޖަވާބުދާރީ ކުރުވޭނެ ވަކި ފަރާތެއް ގާނޫނުއަސާސީގައި އެބަ ބަޔާންކުރާ ކަން ކަމަށާއި، އެއީ ސުޕްރީމްކޯޓެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. މީކާއީލް ވިދާޅުވީ، ޖޭއެސްސީއާ މެދު ފިޔަވަޅު އަޅާން އޮންނާނީ ޖޭއެސްސީގެ ނިންމުންތައް ރައްދުވާ ފަރާތް ނޫން ކަމަށެވެ. ޖޭއެސްސީއާ މެދު ފިޔަވަޅެއް އަޅައި ޖަވާބުދާރީ ކުރުވޭނެ ހަމައެކަނި ފަރާތަކީ ރައްޔިތުންގެ މަޖިލިސްކަން ވަރަށް ސާފުކޮށް ސަރީހަ އިބާރާތުން އިއްޔެ ރައީސް ނެރުއްވާފައިވާ ބަޔާން ބައްލަވައި ވަޑައިގަންނަވާ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

"ޖޭއެސްސީވެސް ޖަވާބުދާރީ ކުރުވޭނެ ވަކި ފަރާތެއް މި ގާނޫނު އަސާސީން އެބަ ބަޔާންކުރޭ. އެއީ މި ރައްޔިތުންގެ މަޖިލިސް. އެއީ ސުޕްރީމްކޯޓެއް ނޫން."
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީޅް އަހުމަދު ނަސީމް

ޖޭއެސްސީއަކީ ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ފާރަވެރިވުމަށް އުފައްދާފައި އޮތް މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި ގާނޫނުއަސާސީގައި ސާފުކޮށް އެކަން ބަޔާންކޮށްފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. އެއީ މިނިވަން މުސްތަގިއްލު ފާރާވެރިވާން ހަދާފައިވާ ކޮމިޝަނެއް ކަމަށް އެނާ ވިދާޅުވިއެވެ. އެ މުއްއަސަސާއިން ފާރަވެރިވާން އޮންނަ ފަރާތުން އެ މުއައްސަސާގެ ފިޔަވަޅުތަކާއި ނިންމުންތައް ރައްދުވާން އޮންނަ ފަރާތުން އެ މުއައްސަސާއާ މެދު ފިޔަވަޅު އެޅުމުން އެ މުއައްސަސާގެ މިނިވަން ކަން ގެއްލުނީ ކަމަށާއި މުސްތަގިއްލުކަން ގެއްލުނީ ކަމަށް މީކާއިލް ވިދާޅުވިއެވެ. ފެހި ގާނުނުއަސާސީގައި އެކިއެކި ދައުލަތުގެ ބާރުތަކާއި މުއްއައްސަސާތަކުގެ އިހްތިސޯސާއި މެންޑޭޓާއި ޖުރިސްޓިކްސް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެއޮތީ އެއް ބާރު އަނެއްބާރުގެ މައްޗަށް އަރައި ނުގަތުމަށްޓަކައި އަދި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ބާރު ނިގުޅައިގަތުމަށް ނުދިނުމައްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.