ދުނިޔޭގެ އެންމެ ފިނި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގްރީންލަންޑްއިން 24 ގަޑިއިރު ތެރޭގައި ދެ ގިގަޓަން ނުވަތަ ދެ ބިލިއަން ޓަނުގެ ގަނޑުފެން ވިރިއްޖެއެވެ.

މިކަމެއް ހިނގާފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ.

ދެ ގިގަޓަން ނުވަތަ ދެ ބިލިއަން ޓަނަކީ މިސްރުގެ އަހުރާމްތަކަށް ބަލާނަމަ 340 އަހުރާމުގެ ބަރުދަނެވެ. ނުވަތަ އެމެރިކާގައި ހުންނަ ސްޓެޗޫ އޮފް ލިބާޓީ ބިނާގެ 80000 ބިނާގެ ބަރުދަނެވެ. ނުވަތަ 12 މިލިއަން ބްލޫވޭލްގެ ބަރުދަނެވެ.

މިދުވަސްވަރަކީ އާދަޔާ ހިލާފަށް ގްރީންލަންޑްއިން ގަނޑުފެންތައް ވިރެމުންދާ ދުވަސްވަރަކަށްވާއިރު، މިއީ ރެކޯޑް އަހަރަކަށް ވެގެންދާނެ ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ. މީގެ ކުރިން އެންމެ ގިނަ އަދަދަކަށް އައިސް ވިރިގެން ރެކޯޑްކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. ނަމަވެސް މިއަހަރު ގަނޑުފެންތައް ވިރެން ފަށާފައިމިވަނީ، އާންމުކޮށް ގަނޑުފެން ވިރޭ ދުވަސްވަރަށްވުރެ 3 ހަފުތާއެއްހާ ދުވަސް ކުރިން ކަމުން، މިފަހަރުގެ ހާލަތު އިތުރަށް ގޯސްވުން އެކަށީގެންވާކަމަށް މޫސުމީ ބަދަލުތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިކަން އިތުރަށް ގޯސްވުން އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

އެއީ އަލްބީޑޯ އިފެކްޓްގެ ސަބަބުން ކަމަށް ވެއެވެ. އަލްބީޑޯ އިފެކްޓްއަކީ ދުނިޔޭގެ ސަތަހާގައި ޖެހުމަށްފަހު ޖައްވުގެ ތެރެއަށް އަނބުރާ ބޭރުކޮށް ފޮނުވާލާ އިރުގެ ހަކަތައިގެ މިންވަރަށް ދީފައިވާ ނަމެކެވެ. ހުދު ސްނޯއާއި ގަނޑުފެނުގައި އިރުގެ ހަކަތަ ޖެހުމުން ބޮޑު ބައެއް އަނބުރާ ޖައްވުގެ ތެރެއަށް ފޮނުވާލައެވެ. މިއާއެކު ބިންގަނޑު ފިނިވެ، ގަނޑުފެން ވިރުން ހުއްޓުވައެވެ. މިއާ ހިލާފަށް ސްނޯއާއި ގަނޑުފެން މަދުވެ އެ ފަށަލަ ތުނިވުމުގެ ސަބަބުން ބިމުގެ ތެރެއަށް އިރުގެ ހަކަތަ ދަމައިގަންނަ މިންވަރު އިތުރުވެއެވެ. އަދި ފިނިހޫނުމިން މައްޗަށް ގޮސް، އިތުރަށް ގަނޑުފެން ވިރުވާލާ، ނިމުމެއް ނެތް ބުރަކަށް މަސްރަހު ބަދަލުވެއެވެ.

ޖިއޯގްރަފީ ގޮތުން ދުނިޔޭގައި އޮތް އެންމެ އުސް ސަރަހައްދުގެ ގޮތުގައި ބަލަމުން އަންނަ އެވަރެސްޓް ފަރުބަދަމަތިން 2100 ވަނަ އަހަރު އަންނައިރު ގަނޑުފެން ހުސްވުމުގެ އިންޒާރުވެސް ސައިންސްވެރިން ވަނީ ދީފައެވެ.