ބައިނަލްއަގްވާމީ ޖަމާއަތްތަކާއެކު ތަރައްގީގެ މަޝްވަރާ ކުރުމަށްޓަކައި ބާއްވާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019" ގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމް އިފްތިތާހްކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

މި ފޯރަމްއާ ބެހޭ ގޮތުން މަައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މި ބައްދަލުވުމުގައި ބައެއް އެގްރީމަންޓްތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި ޖަޕާނުގެ ސަރުކާރުން 500 މިލިއަން ޖަޕަނީޒް ޔެންގެ އެގްރީމަންޓްގައި ސޮއި ކުރުން ހިމެނެއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ދެގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ.

މީގެއިތުރުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް އެސިސްޓަންޓްސް ގްރާންޓްގެ މިހާރު ސޮއި ކުރެވިފައިވާ ތިން މިލިއަން ޑޮލަރުގެ އެހީގެ އެގްރިމަންޓަށް އިސްލާހެއް ގެނެސް އަލުން އެއްބަސްވުމެއްގައި ހަމަޖެހިފައިވެއެވެ. މި އެއްބަސްވުމަށް ގެނައި އިސްލާހަކީ ކުރިން އެއްބަސް ވެވުނު 3 މިލިއަން ޑޮލަރުގެ އެހީ 11 މިލިއަން ޑޮލަރުގެ އެހީއަށް އިތުރު ކުރުމެވެ.

ޖޯޖިއާއާއި ރާއްޖެއާ ދެމެދު ޓުއަރިޒަމް ދާއިރާއިން އިތުރަށް ބަދި ކުރުމުގެ އެގްރިމަންޓެއްގައި ސޮއި ކުރުން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ދެމުން ގެންދާ އެހީ ސަޕޯޓް އިމްޕްލިމަންޓްތައް ނެޝަނަލް ޑިޓާމަންޓް ކޮންޓްރިބިއުޝަންސް (އެންޑީސީ) އިން ފަސް މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް އެގްރިމަންޓެއްގައި ސޮއި ކުރެވުމާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެއަށް ދޭ އެހީގެ ޕްރޮޖެކްޓެއް ވެސް ހިމެނެއެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ދެނީ 10 މިލިއަން ޑޮލަރުގެ އެހީއެކެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ މި ފޯރަމް ނިމޭއިރު އިތުރު މަޝްވަރާތަކުގެ ތެރޭގައި އިތުރު ޕްރޮޖެކްޓްތަކާއި އިތުރު އެއްބަސްވުންތައް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފޯރަމްގައި ރާއްޖޭގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ވަޒީރުންގެ ދާއިރާތަކާ ބެހޭ މައުލޫމާތުތައް މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ފަރާތްތަކަށް ދެއްވަމުން ގެންދަވާނީ ސީދާ އެ ވަޒީރުން ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޖުމްލަ 60 އަށް ވުރެ ގިނަ ވަފްދު މި ފޯރަމްގައި ބައިވެރިވާއިރު އޭގެތެރޭގައި 35 އަކަށް ވުރެ ގިނަ ގައުމާއި އަދި 27 އަށް ވުރެ ގިނަ ބޭރުގެ ޖަމިއްޔާތައް ބައިވެރިވާނެއެވެ. ރާއްޖޭގެ ތަރައްގީއާ ބެހޭ ގޮތުން ބޭރުގެ ގިނަ ބަޔަކާ މަޝްވަރާކޮށް ބައްދަލުކުރެވޭ ފޯރަމެއް ރާއްޖޭގައި ބޭއްވޭ މީ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މުޝީރު، އަދި ސާބިއާގެ މިނިސްޓާ އޮފް ލޭބާ، ސައުދީ އަރަބިއްޔާގެ އެސިސްޓަންޓް މިނިސްޓާ އަދި އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފަދަ އިއްޒަތްތެރިން ވެސް ހިމެނިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ ސަފީރުންނާއި ހާއްސަ މަންދޫބުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބޭއްވުމަށް މާދަމާ ހަޖައްސާފައިވާ އިރު މިއީ މި ފޯރަމް ރާއްޖޭގައި ބާއްވާ ހަތަރުވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. މި ފޯރަމް އެންމެ ފަހުން ރާއްޖޭގައި ބާއްވާފައި ވަނީ މީގެ ދިހަ އަހަރު ކުރިންނެވެ.