ބައިނަލްއަގްވާމީ ޖަމާއަތްތަކާ އެކު ތަރައްގީގެ މަޝްވަރާ ކުރުމަށްޓަކައި ބާއްވާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019" އަކީ ފެށުމެއް ކަމަށާއި އެއީ ބަދަހި ގުޅުމަކަށް އެޅޭ ފާލަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 17 އަދި 18 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖެ މި ވަނީ ބައިނަލްއަގްވާމީ ގޮތުން އެކަހެރިވެފައި ކަަމަށެވެ.
މި ފޯރަމަކީ ރާއްޖެއިން ބައިނަލްއަގްވާމީ ދުނިޔެއާ އެކު މިހާރު އުނިވެފައިވާ ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި ފޯރަމަކީ ފެށުމެއް ކަމަށާއި ބަދަހި ގުޅުމަކަށް އެޅޭ ފާލަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރާއްޖެ ވަނީ މިއިން ދުވަހަކު ނުދާޙާ ދަށަށް ގޮސްފައި ކަމަށް ޝާހީދު ވިދާޅުވިއެވެ. ނަމަވެސް ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން ބައިނަލްއަގްވާމީ މުޖުތަމައުން ރާއްޖެއަށް ހައްގު އިހްތިރާމާއި ގަދަރާއި އިތުބާރު އަލުން ގާއިމްކުރަން އިސްކަމެއް ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ފޯރަމްގެ ޝިއާރަކީ މި ސަރުކާރުގެ އެޖެންޑާ "ޖަޒީރާ ރައްޖެ" އާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ. "ދެމެހެއްޓެނިވި އަދި ފުދުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރުގެ ދަށުން ސަރުކާރުގެ ތަރައްގީއާ ގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ތަރައްގީގެ އެޖެންޑާ އަދި ޕްލޭންތައް މާދަމާ އޮންނަ ޖަލްސާގެ ބައިވެރިންނާ ހިއްސާކުރައްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މި ފޯރަމްގައި ރާއްޖޭގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. ވަޒީރުންގެ ދާއިރާތަކާ ބެހޭ މައުލޫމާތުތައް މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ފަރާތްތަކަށް ދެއްވަމުން ގެންދަވާނީ ސީދާ އެ ވަޒީރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޖުމްލަ 60 އަށް ވުރެ ގިނަ ވަފްދު މި ފޯރަމްގައި ބައިވެރިވާއިރު އޭގެތެރޭގައި 35 އަކަށް ވުރެ ގިނަ ގައުމާއި އަދި 27 އަށް ވުރެ ގިނަ ބޭރުގެ ޖަމިއްޔާތައް ބައިވެރިވާ ކަމަށް ޝާހީދު މައުލޫމާތު ދެއްވިއެވެ. ރާއްޖޭގެ ތަރައްގީއާ ބެހޭ ގޮތުން ބޭރުގެ ގިނަ ބަޔަކާ މަޝްވަރާކޮށް ބައްދަލުކުރެވޭ ފޯރަމެއް ރާއްޖޭގައި ބޭއްވޭ މީ ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، މި ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މުޝީރު، އަދި ސާބިއާގެ މިނިސްޓާ އޮފް ލޭބާ، ސައުދީ އަރަބިއްޔާގެ އެސިސްޓަންޓް މިނިސްޓާ އަދި އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފަދަ އިއްޒަތްތެރިން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ ސަފީރުން ހާއްސަ މަންދޫބުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބޭއްވުމަށް މާދަމާ ހަޖައްސާފައިވާ އިރު މިއީ މި ފޯރަމް ރާއްޖޭގައި ބާއްވާ ހަތަރުވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. މި ފޯރަމް އެންމެ ފަހުން ރާއްޖޭގައި ބާއްވާފައި ވަނީ މީގެ ދިހަ އަހަރު ކުރިންނެވެ.