ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައަކީ ޒާތީ ހަސަދައެއް ފިލުވުމަށް ހުށަހެޅުއްވި މައްސަލައެއް ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލައަކީ، އެމްޑީޕީއަށް ބާރު ލިބުނުދުވަހު ޒާތީ ހަސަދައެއް ފިލުވާލުމަށް، ހުށަހަޅާފައިވާ މައްސަލައެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

ޕީޕީއެމުން ބުނީ މިހާރު ކަންކަން ގޮސްފައިވާ ގޮތުން، ދައުލަތުގެ ދެ ބާރު އެއްބާރު އަނެއްބާރާ ތަޅާފޮޅުމަކަށް ވަދެ، ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް ކަންތައްތައް ދަނީ ގޯސްވަމުންކަމާއި، އަދި މިއީ އެއްވެސް ހާލެއްގައި ކަންހިނގަން ވާނޭ ގޮތެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަމުގައި ގައުމުގެ މަސްލަހަތާއި ހަމަޖެހުން އިސްކުރުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

"މިކަންކަން މިހެން ހުރިއިރު، ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިންތިހާބުވެ ހުންނެވި، ދައުލަތުގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ހަނު ހުންނެވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އަދި ދައުލަތުގެ މަސްލަހަތުތައް އިސްކުރައްވައި، ގާނޫނުއަސާސީގެ 106 ވަނަ މާއްދާއިން މަނިކުފާނާ މަތިކުރެވިފައިއޮތް، ގާނޫނީ ވާޖިބުއަދާކުރައްވައި، ގާނޫނުއަސާސީ ދިފާއުކުރައްވާއި އެ ގާނޫނުއަސާސީ ނެގެހެއްޓެވުމަށް އިސްނަންގަވައި ލީޑަރިޝިޕް ދެއްކެވުމަށް މިޕާޓިން ގޮވާލަމެވެ،"
ޕީޕީއެމް

އެ ޕާޓީން ބުނީ މިއީ 2011 އަދި 2012 ގައި ދިވެހިރާއްޖެ ގާނޫނުއަސާސީގެ ބޭރުން ކަންކަން ކޮށް، ދައުލަތުގެ މުއައްސަސާތައް ހަލާކުވުމާ ދިމާލަށް ގެންދިޔަ ފަދަ އަމަލުތަކެއްގެ ފެށުން ފަދަ ކަންކަން ފެންނަމުންދާއިރު، މި މައްސަލައިގައި ރައްޔިތުންނާއި ދައުލަތުގެ ހައްގުގައި ހައްގުު ބަސްބުނުމަށް، ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނާއި ޕާޓީތަކަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ޕީޕީއެމުން ބުނީ ގާނޫނުއަސާސީ އަކީ، ދިވެހި ދައުލަތުގެ ހިންގުމާއި ދުސްތޫރީ އޮނިގަނޑު ހިނގަންވާގޮތް ބައްޓަންކޮށް، ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ހުރިހާ މަސްލަހަތުތަކެއް ހުންނަންވާގޮތް ކަނޑައަޅައި ބަޔާންކޮށްފައި އޮތް ގައުމުގެ ދުސްތޫރު ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި އެއްގޮތަށް ގައުމުގެ ކަންކަން ތަރުތީބު ކުރެވިފައި ހުންނަންވާނީ، ގާނޫނުއަސާސީގައި ބަޔާން ކުރެވިފައި ގޮތަށް ކަމަށާއި، އެ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިއޮތް ގޮތަށް ނޫންގޮތަކަށް ކަމެއް ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

"ކަންމިހެން ހުރިއިރު، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ހަލާކުވާގޮތަށް، އެމްޑީޕީ އިސްވެ އޮވެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އަދި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކުރައްވަމުން ގެންދަވާކަންކަމާމެދު މި ޕާޓީން ކަންބޮޑުވުން ފާޅުކޮށް އެކަންކަން ކުށްވެރިކުރަމެެވެ،"
ޕީޕީއެމް

ޕީޕީއެމުން ބުނީ އެ ޕާޓީން ދެކޭގޮތުގައި ފަނޑިޔާރެއް ވިޔަސް އަދި އާންމު ފަރުދަކުވިޔަސް އެ މީހަކާ މެދު ކަންކުރެވެންވާނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމީހެއްގެ ހައްގުތައް ހިމާޔަތް ކުރެވޭގޮތަށް ކަމަށެވެ. އަދި އިދާރީ ގޮތުން ނިންމާ ނިންމުމަކާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް ޝަރީއަތަށް ދިޔުމުގެ ހައްގަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އިން ހަމަކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށްވާއިރު، އެ މައްސަލައާ ދޭތެރޭ ގޮތެއް ކަނޑައެޅުމާއި އިންސާފު ގާއިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ގާނޫނުއަސާސީން ލިބިގެންވާ ބާރެއްގެ އިތުރުން، ކޯޓުތަކަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަމެެއް ކަމަށެވެ.

ގާނޫނުއަސާސީގެ 141 ވަނަ މާއްދާއިން އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓުކަމުގައިވާއިރު، ގާނޫނީ ހަމަތަކުގެ މަތިން، ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކީ މައްސަލައިގެ އެންމެ ފަހު ނިންމުންކަމުގައި މިޕާޓީން ގަބޫލުކުރަމެވެ،" ޕީޕީއެމް

ޕީޕީއެމުން ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ރައްޔިތުންގެ މަޖިލީހާއި، ޖުޑިޝަލް ސަރވިސް ކޮމިޝަން އަދި ދިވެހި ދައުލަތުން ތަބާވާންޖެހޭ އަމުރެއް ކަމަށް ބުނެފައެވެ. އަދި އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި ވާއިރު، ގައުމުގެ މަސްލަހަތުތައް ގެއްލޭ ގޮތަށް ވަކިވަކި ފަރުދުންނަށް އަމާޒު ކުރުމުގެ ބަދަލުގައި ދުސްތޫރީ އޮނިގަނޑު ބޭނުން ކޮށްގެން، ހެޔޮނިޔަތުގައި ދައުލަތުގެ މުއައްސަސާތަކާއެކު މަސައްކަތް ކުރުމަށް އެމްޑީޕީއަށް، ޕީޕީއެމުން ވަނީ ގޮވާލާފައެވެ.