ރާއްޖޭގެ ޑޮމެސްޓިކް އެއާލައިނުން ދަތުރުކުރި ދިވެހި އަންހެނަކަށް ފްލައިޓު ތެރެއިން ބިދޭސީއަކު ފުރައްސާރަ ކޮށްފިއެވެ.
ފުލުހުން ބުނީ، އިއްޔެ ހެނދުނު 9:30 ހާއިރު އައްޑޫ ގަމުން މާލެއަށް އައި ފްލައިޓުގައި އަންހެނަކަށް ބިދޭސީއަކު ޖިންސީ ފުރައްސާރަ ކޮށްފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަަށެވެ. އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.
ފޭސްބުކްގައި އެ ޒުވާނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ އައްޑޫއިން މާލެއަށް އައި ފްލައިޓުގައި ބޭރު މީހަކު އޭނައަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. އޭނާގެ ކުރީ ސީޓުގައި އިން މި ބިދޭސީ މީހާ ތަކުރާރުކޮށް ފަހަތަށް ބަލާ ހަޑިހުތުރު ވައްތަރު ޖައްސާ އަދި އޭނާގެ ފޯނުން ފޮޓޯވެސް ދައްކަމުން ދިޔަ ކަމަށް އެ ޒުވާނާ ބުނެފައި ވެއެވެ. އަދި މާލެއަށް ފަލައިޓު ޖެއްސުމާ އެކު އެ ބިދޭސީ މީހާގެ ހަޑިހުތުރު އަމަލުތަކުގެ ވާހަކަ އެ ފްލައިޓުގެ އެޓެންޑެންޓަކަށް ހުރި މީހާއާ ހިއްސާކޮށް އެ މައްސަލަ ފައިލް ކުރި ކަމަށްވެސް އޭނާ ބުނެއެވެ.
ފޭސްބުކްގައި އެ އަންހެން މީހާ ޕޯސްޓްކޮށްފައިވާ ފޮތޯތަކާއި ވިޑިއޯތަކަށް ބަލާއިރު އެއީ މޯޅްޑިވިއަންގެ ފްލައިޓެއްކަން އެނގެއެވެ
ސޯޝަލް މިޑިއާގައި މި މީހާގެ މައުލޫމާތު ޝާއިއުކޮށްފައިވާ ފަރާތުން ބުނެފައި ވަނީ އެމީހާއަކީ އެމްއެންޔޫ ކޮލުޖުން ގެނެސްފައިވާ ލެކްޗަރާއެއް ކަމަށާއި އޭނާގެ ނަމަކީ އެންއެސް މަރިޔަމަތިއަސް ކަމަށެވެ. ބޭރުން ރާއްޖެއަށް ގެނެވޭ ބިދޭސީ ތީޗަރުންގެ ވަނަވަރު ރަނގަޅަށް ބެލުމަށާއި މި ފަދަ ޓީޗަރުން ކުދިން ބްލެކްމެއިލް ކޮށްގެންވެސް ކޮންމެ ފަދަ ހަޑި އަމަލެއްވެސް ހިނގަފާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންގެ ޝަކުވާތައް ދަނީ ބަންޑުން ކުރަމުންނެވެ.
ދާދި ފަހުން ވެސް މަގުމަތިން ހިނގާފައި ދިޔަ ޒުވާން އަންހެނަކަށް 58 އަހަރުގެ ފިރިހެނަކު ފުރައްސާރަކުރި މައްސަލައެއްވެސް ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން އެމީހާ ވަނީ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަންގާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އިޒްމިއާ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖިންސީ ފުރައްސާރައަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅަށް ފުލުހުން ނުކުންނަން ތައްޔާރަށް ތިބި ކަމަށާއި ރާއްޖޭގެ މަގުތަކަކީ ހުރިހާ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އޭނާ ގޮވާލާފައި ވެއެވެ.