ސަރުކާރުގެ ސިޔާސީ މަގާމު ފުރާ ފަރާތްތަކަށް ސޯޝަލް މިޑިއާގައި ސަރުކާރާ ދެކޮޅަށް ފާޑުކިއުން މަނާކޮށްފިއެވެ.

ސިޔާސީ މަގާމުތަކަށް ރައީސް އައްޔަން ކުރައްވައިފައިވާ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލުތަކަށް އިސްލާހުތަކެއް ގެނެސް ގެޒެޓްގައި ވަނީ އެ އިސްލާހުތައް ޝާއިއުކޮށްފައެވެ.

މި އިސްލާހުތަކުގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގެ ބައިތަކުގެ ދަށުން ބުނެފައި ވަނީ ސިޔާސީ މުވައްޒަފުން ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ނިންމުންތަކާ މެދު ހިޔާލުތަފާތުވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކިވަކި ފަރުދުން ގާތުގައްޔާއި އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަ ދައްކައި ނޫސް މަޖައްލާ ފަދަ ތަކެއްޗާއި ސޯޝަލް މީޑިއާގައި ލިޔެ ނުހެދުމަށެވެ.

ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަން ދިނުމަށާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރާއްޖޭގެ ރައީސް އަދި ނައިބު ރައީސާއި، މަސައްކަތް އަދާކުރާ ދާއިރާގެ ވަޒީރު ނުވަތަ އިސް ވެރިއާއަށް ފުރިހަމައަށް ޖަވާބުދާރީ ވާންވާނެކަމަށް ވެސް އެ އުސޫލުތަކުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން، އެ މުވައްޒަފެއް ހުރި ސަރުކާރުގެ ސިޔާސީ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ އެއްވެސް މައުލޫމާތެއް އަމިއްލަ މަސްލަހަތެއް ހާސިލު ކުރުމަށް ނުވަތަ އާއިލީ ގުޅުމެއް އޮތް ނުވަތަ ރައްޓެހިކަމުގެ ނުވަތަ އެ ނޫންވެސް މީހެއްގެ މަސްއޫލިއްޔަތެއް ހާސިލް ކުރުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް އުސޫލުތަކަށް ގެނައި ބަދަލުގައި ވެއެވެ. އަދި އެމީހަކަށް މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ނުވަތަ ކުރިން ހާމަކޮށްފައި ނުވާ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް ގާނޫނަކުން އެހެންގޮތަށް ލާޒިމު ނުކުރާހާ ހިނދަކު، ހާމަކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ގާނޫނޫއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ވަޒީރުން ފިޔަވައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސް އައްޔަން ކުރައްވާ ސިޔާސީ މުވައްޒަފުންގެ ކިބައިގައި ހުންނަން ޖެހޭ އަސާސީ ސިފަތަކަކީ، މުވައްޒަފުންގެ އާންމު ދިރިއުޅުމުގައްޔާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރި ވުމުގައްޔާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ މަތީ ދަރަޖައަކަށް ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި ސަރުކާރުގެ ސިޔާސަތު، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިހްލާސްތެރިކަމާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ތަންފީޒުކުރުމުގެ ސިފަތައް ކަމަށް ބުނެފައި ވެއެވެ.

ދާދިފަހުން ފެނަކައިން ކުރި ސިޔާސީ ޓްވީޓެއްގެ މައްސަލަ ފެންމަތިވެ، ފެނަކައިން ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.