ޓެރަރިޒަމްއިން ސަލާމަތް ވެފައިވާ ވެއްޓެއް ގާއިމު ކުރުމަށާ، އިންޑިއާއިން ފާޅުކޮށްފައިވާ ކަންބޮޑުވުން ތަކަށް ރިއާޔަތް ކުރުމުގައި ޕާކިސްތާނުން ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އަރިހުގައި ދަންނަވައިފިއެވެ.

ޕާކިސްތާނާ ބެހޭ ގޮތުން މޯދީ މިފަދަ މޭރުމަކުން ޗައިނާގެ ރައީސްއަށް ދަންނަވާފައި މިވަނީ، މިއަދުގެ ނިޔަލަށް ކިރިގިސްތާނުގައި ކުރިއަށް ގެންދާ ޝަންހާއި ކޯޕަރޭޝަން ސަމިޓްގެ ހަވާސާގައި، ޝީއާއިއެކު ކުރިއަށް ގެންދެވި ހާއްސަ ބައްދަލުވުމެއްގައެވެ.

ޗައިނާއާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން މޯދީ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުގެ މައުޟޫއަކަށް ޕާކިސްތާނުގެ މައްސަލަތައް ވާނެކަމަށެވެ. މިމައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ތަކެއް ކުރެވުނު ނަމަވެސް، އަދި މިހާތަނަށް ވީ ފެއިލް ކަމަށްވެސް މޯދީ ވަނީ ޝީއަށް ދަންނަވާފައެވެ.

މުރާސިލުން ސިފަކުރާ ގޮތުގައި މިއީ އިސްތިރާޖީ ގޮތުން ޕާކިސްތާނުގެ އެންމެ ނުފޫޒުގަދަ އެކުވެރިޔާގެ މަގާމުގައި އޮތް ޗައިނާއަށް މޯދީ ދެއްވި ވަރުގަދަ މެސެޖެކެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށުމަށް ޝީ ކުރެއްވި އިޝާރާތަކަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ، ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ޕާކިސްތާނުން މިހާރުވެސް އަޅަމުން ނުދާކަމަށެވެ.

ޝަންހާއި ކޯޕަރޭޝަން ސަމިޓްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އިންޑިއާއާއި ޕާކިސްތާނުގެ ބޮޑުވަޒީރުންގެ ދެމެދުގައި ހަވާސާ ބައްދަލުވުމެއް ތާވަލު ކުރެވިފައެއް ނުވެއެވެ.