ކަހާލައިގެން ސައިކަލާއެކު ވެއްޓި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) އެކްސިޑެންޓް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 22:15އާ 23:00އާ ދެމެދުގެ ވަގުތެއްގައި އަމީރު އަހުމަދު މަގު، ވެލާނާގެ ކައިރިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ކުއްލިއަކަށް މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިން ހަސަންޓޭ ނައްޓަން އުޅުމުގެ ތެރޭގައި ކަހާލައިގެން ކަމަށެވެ.

މި އެކްސިޑެންޓެއްގައި ހަސަންޓޭގެ ނިއްކުރި ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ފައި ވަނީ ފްރެކްޗާ ވެފައެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަސަންޓޭ އަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެެއަަށް ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެއީ މެންބަރު ހަސަންޓޭ މި މައްސަލަ ހުށަހަޅަން ބޭނުންފުޅު ނުވާތީ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު ހަސަންޓޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އޮފް ޑިއުޓީގައި ހުރި ފުލުހެއް ކަމަށެވެ.

ހަސަންޓޭ އަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅަކަށް ވާއިރު، އެމްޑީޕީގެ މެމްބަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާ އަށް އަވަސް ޝިފާއަކަށް އެދި ޕޯސްޓްތައް ކުރަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އިސް ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހިމެނެއެވެ.