ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަވާލުކޮށްފިއެވެ.

ކޮމަންވެލްތާ އަލުން ގުޅެން ހުށަހަޅަން ޖެހޭ ލިޔުންތައް ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މިހާރު ޔޫކޭއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދުއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިކާ ސްކޮޓްލޭންޑަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލިޔެކިޔުންތައް ހުށަހަޅުއްވާފައި ވަނީ އިނގިރޭސީވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ނިންމާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ޖަމިއްޔާއިން ވަކިވުމާއި ގުޅިގެންނެވެ. ރާއްޖެ ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށް ބުނެއެވެ.

ކޮމަންވެލްތާއި ގުޅުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮމަންވެލްތުން ވަނީ ރާއްޖެއިން އަލުން ގުޅެން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ރާއްޖެއަަށް ވެސް ޒިޔާރަތެއް ކޮށްފައެވެ.