އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރާއި، އެ އޮފީހުގެ އިސްބޭފުޅުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

އިނގިރޭސީ ވިލާތަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން މިނިސްޓަރު ޝާހިދު ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، އަދި ފޮރިން އޮފީހުގެ ކުރީގެ ވަޒީރު ހޫގޯ ސްވަޔާ އާއެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ އިނގިރޭސި ހާރިޖީ ވަޒީރު ޖެރެމީ ހަންޓްއާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއިި ބެހޭ ވަޒީރު މާކް ފީލްޑް އާއި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

މިއީ ނޮވެމްބަރު މަހު ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިނގިރޭސިވިލާތަށް ޝާހިދު ކުރައްވާ 2 ވަނަ ރަސްމީ ދަތުރެވެ.