ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
ޖޭއެސްސީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައި ވަނީ މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެ ކޮމިޝަނުން ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ތަހުގީގު ކުރާ ކޮމިޓީން އޭނާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް ބުނުމާއި ގުޅިގެން ކަމަށެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު އަބްދުﷲ ދީދީއާ ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން، ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރުމަށް ނިންމީ މިއަދުގެ ޖަލްސާގެ އިއްތިފާގުން ކަމަށާއި، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ ޖަލްސާގެ އަޣުލަބިއްޔަތުން ކަމަށް ޖޭއެސްސީން ބުނެއެވެ.