ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ހުކުރު ދުވަހު ފުރާވަޑައިގަތުމަށް ފަހު މިމަހު 26 ގައި އަނބުރާ ވަޑައިގަންނަވާނެ ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވާލަން ނިންމުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރުމުންނެވެ. މި ކޮމިޓީން ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.

އަދީބު ބޭސްފަރުވާއަށް ވަޑައިގަންނަވަނީ އިންޑިއާއަށް ކަމަށް މިއަދު ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާ ގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުން ވެސް އިތުރުގޮތެއް ނުފެނުމުން، ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމާ ގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ހަމަޖައްސާފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބޭސް ފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި ނަމަ، އޭނާ އެނބުރި ރާއްޖެއަށް ވަޑައި ނުގަންނަވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައި ވެއެވެ. ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް އަދީބު ފޮނުވުމާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އަދީބަކީ ދިވެހިރާއްޖެ ނުދެކޭފަދަ ބޮޑެތި ކުއްތަކެއް ކުރެއްވި ކަމަށް ޖުޑިޝަރީން ކަނޑައަޅާފައިވާ ފަރާތެއް ކަމަށެވެ. އަދި އޭނާއަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ހިމެނޭ ބައެއް މީހުން ރާއްޖެއިން ވަގަށް އޭނާ އިމިގްރޭޝަނާއި ހަވާލުވެ ހުންނެވި އިރު ފުރުވާލެއްވި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބޭފުޅެއް ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ، މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލު ވުމުގައި ދަނީ އަދީބު ބޭރަށް ފުރާވަޑައިގެންފި ނަމަ، އަދީބު އެނބުރި ރާއްޖެއަށް ވަޑައި ނުގަންނަވާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވާ ވާހާކައަށް މަޝްވަރާ ކުރަމުންނެވެ.