ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވާލަން ނިންމުމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މި ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން މިއަދު ނިންމީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މި ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. މި ހަތަރު މުއައްސަސާގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރުން މިއަދު 4:00 އަށް ވަނީ ތާވަލުކޮށްފައެވެ.

އަދީބު ބޭސްފަރުވާއަށް ވަޑައިގަންނަވަނީ އިންޑިއާއަށް ކަމަށް މިއަދު ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ހީދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާ ގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުން ވެސް އިތުރުގޮތެއް ނުފެނުމުން، ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމާގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ހަމަޖައްސާފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންތަކާއި ގުޅޭގޮތުން މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބުގެ ބޭސްފަރުވާގެ ހައްގު ކަށަވަރު ކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތާ ބެހޭގޮތުން މިވަގުތު ހާމަ ނުކުރާ ބައެއް މައުލޫމާތު އެބަހުރި ކަމަށެވެ. އަދި ކަންކަން ހާމަ ކުރެއްވުމުން، އިތުބާރު ބޮޑުވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މުނާޒު ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި ނަމަ، އަދީބު އެނބުރި ރާއްޖެއަށް ވަޑައި ނުގަންނަވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައިވެއެވެ. ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް އަދީބު ފޮނުވުމާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އަދީބަކީ ދިވެހިރާއްޖެ ނުދެކޭފަދަ ބޮޑެތި ކުއްތަކެއް ކުރެއްވި ކަމަށް ޖުޑިޝަރީން ކަނޑައަޅާފައިވާ ފަރާތެއް ކަމަށެވެ. އަދި އޭނާއަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ހިމެނޭ ބައެއް މީހުން ރާއްޖެއިން ވަގަށް އޭނާ އިމިގްރޭޝަނާއި ހަވާލުވެ ހުންނެވި އިރު ފުރުވާލެއްވި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބޭފުޅެއް ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.