ގޮތް ނޭނގޭ މަރުތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރުދޭ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި މި ބިލު މަޖިލިހަށް ބަލައިގަނެ، މިއަދު ވަނީ ކޮމިޓީ އަށް ފޮނުވާފައެވެ.

މި ބިލު މަޖިލީހަށް ބަލައިގަންނަން 79 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ބިލު ބަލައި ނުގަތުމަށް އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވާ އިރު، ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިނެވެ.

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ސޯލިހު ކޮމިޝަން އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލަތަކުގެ މޯޓިވް މިހާރު ދެނެގަނެވިފައިވާ އިރު، ވަރަށް އަވަހަށް އެކަންކަން ހާމަކުރާނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.