އުމުރުން މިހާރު 75 އަހަރު ފުރިފައިވާ ދަގަނޑު ބިލްދާރުގެ ކޮންމެ ދުވަހެއްގެ ފެށުން އަންނަނީ އިންޑިއާގެ ހުޅަނގު މަހާރާޝްތްރާ ސްޓޭޓްގައި އޭނާ ދިރިއުޅެމުންދާ ގޭގެ ބަދިގެ ތެރެއިންނެވެ. މުގުގެ ބާވަތްތަކާ ބަތް ކެއްކުމަށްފަހު އޭނާ ކުރާނެ މާ ބޮޑު ކަމެއް ދެނެއް ނޯވެއެވެ.

ޖަންގަލިތަކުން ވަށައިގެންވާ ހަތުކަރުވާދީގެ ތެރޭގައި ހުރި އެންމެ ކޮޓަރިގަނޑެއްގެ މައްޗަށް އެކުލެވޭ ޖިފުޓިއެއް ފަދަ އެ ގޭގައި ބިލްދާރު އެކަނި މައި އެކަނި ދިރިއުޅެމުންދާތާ މިހާރު 3 އަހަރުވެދާނެއެވެ. ނަމަވެސް އޭނާގެ އަތްބަކާ 3 ދަރިންވެސް ތިބެއެވެ. އިންތިހާ ހަނަފަސްކަން ކުރިމަތިވުމުގެ ސަބަބުން އެމީހުންވަނީ އަވަށް ދޫކޮށް އެހެން ހިސާބަކަށް ހިޖުރަކޮށްފައެވެ. ބިންގަނޑުވަނީ ފަޅަފަޅައިގެން ގޮސްފައެވެ. ފެންވަޅުތައް ހުރީ ހިނދިފައެވެ. ކައިބޮއި ހެދުމަށާ ފެންވަރާ ހެދުމަށް ލިބެނީ މަދު މިންވަރެކެވެ. ބިލްދާރުގެ އާއިލީ ދަނޑު އޮތީ ހަނަފަސްވެ ހަފުސްވެފައެވެ.

އިންޑިއާގެ ހަތުކަރުވާދީ ފެނަށް ޖެހި އެހެން ހިސާބުތަކަށް އާއިލާގެ މެމްބަރުން ހިޖުރަކުރުމުން އެކަނިވެރި ހާލުގައި ދިރިއުޅެމުންދާ ދަގަޑު ބިލްދާރު/ފޮޓޯ: ސޫތިކް ބިސްވާސް

އުމުރުން ދުވަސްވަމުން ދިޔަވަރަކަށް ބިލްދާރުގެ އަޑުއިވުމުގެ ހިއްސަށް އުނިކަން އަންނަމުންދާއިރު، ދުވާލުގެ ގިނަ ވަގުތުތައް މިހާރު އޭނާ އޭނާ ހޭދަކުރަމުންދަނީ އަނދިރި ކޮޓަރިއެއްގެ ތެރޭގައެވެ.

"އެއީ ވަރަށް އެކަނިވެރި މީހެއް. އޭނާގެ އާއިލާ ލޮލުން ނުދެކޭތާ މިހާރު 3 އަހަރުވަރު ވެދާނެ. ހުރިހާވެސް މައްސަލައަކީ ފެން!" ބިލްދާރުގެ އަވަށްޓެރިއެއް ކަމަށްވާ ގަނޭޝް ސަދުގާރު ކިއާދިނެވެ.

ސަދުގާރުގެ އާއިލާގެ ހާލަކީވެސް މިއީއެވެ. ދަރިފުޅު އުޅެނީ އެހެން ހިސާބެއްގައެވެ. ގެއަށް އަންނަ ފަހަރަކުވެސް މަޑުކޮށްލަނީ ދެތިން ދުވަހަށެވެ. ފެންނަށް ޖެހިގެން އޮންނަނީ ފުރަން ޖެހިފައެވެ.

އިންޑިއާގެ ހަތުކަރުވާދީ ފެނަށް ޖެހި އެހެން ހިސާބުތަކަށް ރަށްވެހިން ހިޖުރަކުރުމުން ގިނަ ގެތަކެއް ވަނީ ފަޅުވެފައި/ފޮޓޯ: ސޫތިކް ބިސްވާސް

އިތުރު އަވަށްޓެރިއަކަށް ބަލާއިރު މާ ދުރު ނޫން ހިސާބެއްގައި އިނީ ސާގާ ބާއިއެވެ. އޭނާ ދިރިއުޅެމުން ދަނީ އަޑުއިވުމާ ވާހަކަ ދެއްކުމުން މަހްރޫމުވެފައިވާ 14 އަހަރުގެ އަންހެން ދަރިފުޅު ޕާރުވަތީއާއިއެކުގައެވެ. ނަމަވެސް އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އައްޕާވެސް އެހެން ހިސާބަކަށް ހިޖުރަކޮށްފައެވެ. ސާގާ ކިއާދިން ގޮތުގައި އައްޕާވެސް ގެއަށް އަންނަނީ ވަރަށް މަދުންނެވެ. އަދި ގެއަށް އާދެވޭނީ ވާރޭވެހުމުން ކަމަށް އޭނާ ބުނަމުންދާކަމަށްވެސް ސާގާ ކިއާދިނެވެ.

ބިލްދާރުގެ އަވަށްޓެރި ގަނޭޝް ސަދުގާރުގެ ހާލަތަށް އަނެއްކާވެސް ބަލާލަމާތޯއެވެ. އޭނާއަކީ އެ އަވަށުގައި މަތީ ތައުލީމުހާސިލުކޮށް ގުރެޖުއޭޓްވެފައި ހުރި ހަމައެކަނި މީހާއެވެ. އެކަމަކު އޭނާއާއި ކައިވެނި ކުރާނެ މީހަކު ނުވެއެވެ. އެއީ ފެންނެތް ތަނެއްގައި ދިރިއުޅެން ބޭނުން ނުވާތީ ކަމަށް ގަނޭޝް ސަދުގާރު ބުނެއެވެ.

އިންޑިއާގެ ހަތުކަރުވާދީ ފެނަށް ޖެހިފައިވާއިރު އަވަށުގައި ހުރި 35 ވަޅުގެ ތެރެއިން ފެން ލިބެނީ 2 ވަޅަކުން/ފޮޓޯ:މ ސޫތިކް ބިސްވާސް

މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު، 125 ގެއެއްގެ މައްޗަށް އެކުލެވިގެން ހަތުކަރުވާދީގައި 1200 އެއްހާ މީހުން ދިރިއުޅުނެވެ. ނަމަވެސް މީގެ ދެބައިކުޅައެއްހާ މީހުން މިހާރު ވަނީ މި ސަރަހައްދު ދޫކޮށް، އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ. ގިނައީ ފިރިހެނުންނެވެ. ބާކީ ހުރީ ފަޅު ގެތަކެކެވެ. ފެނުގެ ރެފިއުޖީންގެ ގޮތުގައި އެހެން ސަރަހައްދުތަކަށް މިމީހުން ހިޖުރަކުރީ ކާރުހަނާތަކާ ދަނޑުބިންތަކުން ވަޒީފާ ހޯދައިގެންނެވެ.

ހަތުކަރުވާދީގެ އުޑުމަތި ބަނަކޮށްލައެވެ. ނަމަވެސް މެންދުރުވާއިރަށް ރަތްދައްކާ އަވިން ބިންގަނޑު ކައްކާލައެވެ. މި ސަރަހައްދަށް ސާފުވާރޭ ފޮދެއް އެންމެ ފަހުން ވެހިފައިވަނީ މީގެ 3 ވަރަކަށް އަހަރު ކުރިން ކަމަށްވެއެވެ.

މުޅި އަވަށުގައި ހުރި 35 ވަޅުގެ ތެރެއިން ފެން ލިބެނީ އެންމެ 2 ވަޅަކުންނެވެ. ބޯވެލް ތޮރުފައިގެން ބައެއް ސަރަހައްދުތަކަށް ފެން ލިބޭއިރު، ފެންފަށަލަ ތުނިވުމުގެ ސަބަބުން، 650 ފޫޓު އަޑިއަށް ތޮރުފަންވެސް ޖެހެއެވެ. އަވަށު މީހުން ފެން ބޮއި ހަދަނީ ތަނަވަސްކަމާއެކު އަމިއްލަ ބޯވެލް ތޮރުފައިގެން އުޅޭ މީހުންގެ ހެޔޮ އެދުންތަކާއެކުގައެވެ. މި އަވަށަށް ދެވެން އޮންނަ މަގުގެ ހަނިކަމުން ފެން ޓޭންކަރަކަށްވެސް އެ ސަރަހައްދަކަށް ނުވަދެވެއެވެ.

އިންޑިއާގެ ހަތުކަރުވާދީ ފެނަށް ޖެހިފެންވަޅުތައް ހިނދިފައިވާއިރު ފެން ފޮދެއް ލިބެނީ 650 ފޫޓު އަޑިއަށް ބޯވެލް ތޮރުފައިގެން/ފޮޓޯ: ސޫތިކް ބިސްވާސް

އާންމު ތަންތަނަށް ދެކަމު ހާޖަތަށް ދިއުން ހުއްޓުވާލުމަށް އިންޑިއާ ސަރުކާރުން ފެށި ކެމްޕޭންގެ ދަށުން އެޅި އާންމު ފާހާނާ ބަރިތައްވެސް ހުރީ ބޭނުން ނުކުރެވޭ ހާލުގައެވެ. ފެން ނެތިގެންނެވެ.

މަހާރާޝްތްރާއަށް ކުރިމަތިވެފައި މިވާ ހަނަފަސްކަމަކީ މުޅި އިންޑިއާއަށް ކުރިމަތިލާންޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކެއްގެ ކުޑަ މިންވަރެކެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާގެ 40 ޕަސެންޓަށް ވަނީ ހަނަފަސްކަން ކުރިމަތިވެފައެވެ. މިކަމުގެ ތަކުލީފުތައް އިންތިހާއަށް އުފުއްލަމުންދާ 500 މިލިއަނެއްހާ މީހުން، 10 ވަރަކަށް ސްޓޭޓްގައި އެބައުޅެއެވެ. މިހާރު ކުރެވެނޭ މާ ބޮޑު ކަމެއް ނެތްއިރު، އެންމެންވެސް އުއްމީދުކުރަމުންދަނީ ވިއްސާރަ މޫސުމަށެވެ.