ރާއްޖެއިން ބޭރު ބަޔަކު ދޭ އެހީއާ މެދު ވިސްނަން ޖެހޭ ކަމަށާއި، ބޭރު ބަޔަކު އެދުމެއްނެތި ވެދުމެއް ނުކުރާނެކަން ގަބޫލުކުރަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިގޮތަށް ވިދާޅުވެފައިވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ރާއްޖެ ވަޑައިގެން ބޮޑެތި އެހީތަކެއް ވެދެއްވާނެކަމަށް ވިދާޅުވެ، ގިނަ މަޝްރޫއުތަކެއް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރި ފަހުންނެވެ.

މޯދީގެ ދަތުރުފުޅުގެ ތެރެއިން، ދެގައުމުގެ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށް، 2 މަޝްރޫއު އިފްތިތާހުކޮށްފައިވެއެވެ. އެކިދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އިއްޔެ ބަދަލުކުރެވުނު އެއްބަސްވުންތަކާއި އިފުތިތާހު ކުރެވުނު މަޝްރޫއު ތަކުގެ ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ފާޅު ކޮށްފައެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ވެވުނު އެސްބަސްވުންތަކުގެ ތެރޭގައި އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރޭނިން ފެސިލިޓީ އަދި ކޯސްޓަލް ސާވެއިލެންސް ރާޑާ ސިސްޓަމް އިފްތިތާހު ކޮށްފައިވެއެވެ. މީގެ އިތުރުން ހައިޑްރޯގްރެފީ އެންޑް އޯޝަން އިކޮނޮމީއާއި، ސިއްހީ ދާއިރާއިން އެހީ ފޯރުކޮށްދިނުމާއި، ކަސްޓަމްސްގެ މުވައްޒަފުން ތަމްރީނު ކުރުމާއި، ސިވިލް ސާވަންޓުން ތަމްރީނުކުރުމާއި، ކުޅުދުއްފުށްޓާއި ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ފެށުމާއި، ޝެއާރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ ހިމެނެއެވެ.

ނުސީދާގޮތަކަށް މި އެހީތަކާއި އެއްބަސްވުތަކާ ދެކޮޅު ހައްދަވަމުން ދުންޔާ ވިދާޅުވެފައިވަނީ ބޭރުގެ އެހީއަށް ބަރޯސާވެފައި ތިބި ތިބުން މިއަދު ދޫކޮށްލަން ވެއްޖެ ކަމަށެވެ. އަދި އެ އެހީއަކީ ކޮންބަޔަކު، ކޮން ބޭނުމެއްގައި ދޭ އެއްޗެއްތޯ ވިސްނާލަންޖެހޭ ކަމަށާއި، އެދުމެއްނެތި ވެދުމެއް ނުކުރާނެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

ދުންޔާ ވަނީ މޯދީގެ ދަތުރުފުޅުގެ ފައިދާ ރާއްޖެއަށާއި ރަައްޔިތުންނަށް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ގެންގުޅޭ ހާރިޖީ ސިޔާސަތު ހަމަހަމަކަމާއެކު ބާއްވާ، ކުރީގެ ރައީސް އަދި ދުންޔާގެ ބައްޕާފުޅުގެ ޒައާމަތުގައި އެކަން ކުރިގޮތް ފާހަގަ ކުރައްވާފައެވެ.

ފަހަކަށް އައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަށް ދުންޔާ ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ދުންޔާގެ ބޮޑުބޭބޭފުޅުގެ ވެރިކަމުގައި ގެންގުޅުނު ހާރިޖީ ސިޔާސަތުތަކަށް އޭނާ ތައުރީފް ކުރައްވާފައިވެއެވެ.