އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ފަރާތުން އެމަނިކުފާނަށް ހަދިޔާއެއްގެ ގޮތުގައި އެރުވީ ގުޅިއެކެވެ.

ގަލުވަޑާމުގެ ހުނަރު ރަމްޒުކޮށްދޭ މި ގުޅިއަކީ ގަދީމީ ކަލެކްޝަންގެ އުފެއްދުމެކެވެ. ދިވެހިންގެ ހުނަރުވެރި މަސައްކަތްތެރިކަމާއި ގަދީމީ އެންމެ މުހިއްމު އާސާރުތައް ފެންނަން ހުރީ ގަލުވަޑާމު މަސައްކަތްތަކުންނެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން ސޮއި ކޮށްފައިވާ ކްރިކެޓް ބެޓެއް ހަދިޔާގެ ގޮތުގައި ދެއްވާފައެވެ. މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އެކުވެރި، ރައީސް ސޯލިހަކީ ކްރިކެޓުގެ ފޭނެއް ކަމަށާއި އެބެޓަކީ، އިންޑިއާގެ ގައުމީ ކުރިކެޓު ޓީމުގެ ކުޅުންތެރިން ސޮއެ ކޮށްފައިވާ ބެޓެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަދިޔާ ކުރި ގުޅި

މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ލަންކާއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވީ އިއްޔެ މެންދުރުފަހު 3:00 ގައެވެ. މި ދަތުރުދުޅަކީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު މޯދީ ބޭރު ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. 'ނެއިބާހުޑް ފަސްޓް' ގެ ޝިއާރުގެ ދަށުން ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މޯދީ ރާއްޖެއިން ފުރާވަޑައިގެން، ދެން ވަޑައިގަންނެވީ ސްރީލަންކާއަށެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވުމުން، ސަރުކާރުން ވަނީ އެމަނިކުފާނަށް ރާއްޖޭގެ އެންމެ މަތީ ލަގަބު ކަމުގައިވާ ނިޝާން އިއްޒުއްދީންގެ ލަގަބު އަރުވާފައެވެ. އެއީ، ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނަށް ނިސްބަތްވާ ލަގަބެވެ.