އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ވަނީ ރޭ ފުރަމާނަ ޖާފަތެއް ދެއްވާފައެވެ. މި ފުރަމާނަ ޖާފަތް އޮތީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

ރޭގެ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ރާއްޖެއާ އިންޑިއާގެ ގުޅުމުގެ ދިގުމާޒީއަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ދެގައުމުގެ ސިއްހީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާފަދަ އެތައް ދާއިރާއަކުން ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި، އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މޯދީގެ މި ދަތުރުފުޅުގައި، ދެގްއުމުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތައް މިއަދު ވަނީ ބާއްވަވާފައެވެ. މީގެއިތުރުން މޯދީގެ ދަތުރުފުޅާއި ގުޅިގެން ދެ ގައުމުގެ ސަރުކާރުގެ، ގުޅިފައިވާ ރަސްމީ ބަޔާނެއް ވެސް، މޯދީއާ ރައީސް ސޯލިހް ވަނީ ދެއްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނަށް ދިވެހި ސަރުކާރުން ވަނީ "ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)" ގެ ޝަރަފު އަރުވާފައެވެ.

ކުރުނބާ ވިލެޖް ރިޒޯޓުގައި ރޭ ބޭއްވެވި މި ޖާފަތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ނައިބު ރައީސްގެ ދެކަނބަލުންގެ އިތުރުން މި ޖާފަތުގައި ދައުލަތުގެ ވަޒީރުންނާއި، ރާއްޖެއާ އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު، އެމަނިކުފާނު ވަނީ މިއަދު ހެނދުނު ފުރާ ވަޑައިގެންފައެވެ.