ސްރީލަންކާއަށް މިހާރު ދަތުރުފުޅުކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ދަތުރުފުޅުގައި އެއްވެސް ފަހުމްނާމާއެއްގައި ސޮއި ނުކުރައްވާނެ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެފިއެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރުގެ ހުވާ ކުރެއްވުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގެންނެވި މޯދީވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގެންފައެވެ. ދިވެހިރާއްޖެއަށްފަހު މޯދީ ވަޑައިގަންނަވާނީ ސްރީލަންކާއަށެވެ.

މޯދީ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅަކީ، ގައުމީ ހިތާމާފާޅުކުރަމުންދާ ސްރީލަންކާގެ ރައްޔިތުންނާ ސަރުކާރާއެކު އިންޑިއާގެ ރައްޔިތުންނާ ސަރުކާރު އޮތްކަން ހާމަކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

މޯދީއަކީ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމަށް ޒިޔާރަތްކުރައްވާ ބޭރު ގައުމުގެ ފުރަތަމަ ލީޑަރެވެ.

މޯދީގެ ދަތުރުފުޅުގެ ސްރީލަންކާ ލެގްގެ އެޖެންޑާ ރޭވިފައިވާ ގޮތަށް ބަލާއިރު، ސްރީލަންކާގެ ރިޔާސީ ސެކްރެޓޭރިއަޓުން މޯދީއަށް މަރުހަބާ ދަންނަވާނީ ލަންކާ ގަޑިން މިއަދު މެންދުރު 12 ޖަހާއިރުއެވެ. އެއަށްފަހު ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާއިއެކު މެންދުރުގެ ރަސްމީ ފަރީއްކޮޅަކަށް މޯދީ އިންސާފުކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްރީލަންކާގެ އިދިކޮޅު ލީޑަރު މަހިންދާ ރާޖަޕަކްސަވެސް މިދަތުރުފުޅުގެ ތެރެއިން މޯދީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ.

ސްރީލަންކާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ މިއަދު މޯދީ ބައްދަލުކުރައްވާއިރު، އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތައް އަމާޒުވި ސަރަހައްދުތަކަށް ވެސް މޯދީ ޒިޔާރަތްކުރައްވާނެ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.