ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް އޭޕްރިލް 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންގާ ހާއްސަ ތަހުގީގަށް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އެއްބާރުލުން ނުދެއްވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށްގެންދާ ތަހުގީގުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، މި ހަމަލާގެ ކުރިން ސްރީލަންކާއަށް ދުރާލާ ލިބުނު އިންޒާރުތަކާއެކުވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވަނީ ސަލާމަތާ ގުޅުންހުރި ކަންތައްތަކެއް ފުރިހަމަ ނުވެގެންތޯ ބަލާ ހޯދުމަށް ހިންގާ ތަހުގީގެކެވެ.

ސްރީލަންކާގެ ޗީފް އޮފް ނޭޝަނަލް އިންޓެލިޖެންސް ކަމުގެ މަގާމުގައި ހުންނަވައިގެން، މަޖިލީހުގެ އިންކުއަރީއަށް މައުލޫމާތު ދެއްވަމުން، މި ހަމަލާތަކަކީ ކާމިޔާބުވިޔަނުދީ ހުއްޓުވާލެވުނު ހަމަލާތަކަކަށްވީސްކަމަށް ވިދާޅުވި ސިސީރާ މެންޑިސް މިހާރު ވަނީ ސްރީލަންކާގެ ޖާސޫސީ އިސްވެރިޔާ ކަމުގެ މަގާމުން ދުރުކުރައްވާފައެވެ.

ސްރީލަންކާގެ ޖާސޫސީ އިސްވެރިޔާ ކަމުގެ މަގާމުން މެންޑިސް ދުރުކުރެއްވުމަށް ނިންމެވީ ސިރިސޭނާއެވެ. ނަމަވެސް ސަބަބެއް ބަޔާންކޮށްދެއްވާފައެއް ނުވެއެވެ. އިންކުއަރީއަށް މެންޑިސް ބަޔާން ދެއްވަމުން ދިޔަ މަންޒަރު ޓީވީތަކުން ވަގުތުން ދުރަށް ފޮނުވަމުންދަނިކޮށް، ވަކި ހިސާބަކުން މަޖިލީހުގެ ލައިވް ފީޑު ކަނޑާލާފައިވަނީވެސް ސިރިސޭނާގެ އޯޑަރަކަށް ކަމަށް ޚަބަރު ލިބެއެވެ.

ކަމާބެހޭ މައުލޫމާތު ލިބިފައިވާ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިރިސޭނާ ވަނީ، މަޖިލީހުގެ އިންކުއަރީއަށް މައުލޫމާތު ދިނުމުގައި ފުލުހުންނާ، އަސްކަރިއްޔާ އަދި ޖާސޫސީ އޮފިޝަލުން އެއްބާރުލުން ދެއްވުމަށް އިޒުނަ އިންކާރު ކުރައްވާފައެވެ.

މިކަމާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ކުށްލި ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. ނަމަވެސް މަޝްވަރާތައް ހޫނުވެގެން އެއްވެސް ކޮޅެއްގައި ނުޖެހި، މި ބައްދަލުވުން ނިންމާލާފައިވާކަމަށް ޚަބަރު ލިބެއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ވަރުގެ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދުރާލާ ލިބިވަޑައިގެންފައި ނުވާކަމަށް ސިރިސޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.