އާދަޔާ ހިލާފު ނަތީޖާއަކުން އިންޑިއާގެ 17 ވަނަ އާންމު އިންތިހާބުގައި ބާރްތިޔާ ޖަނާތާ ޕާޓީއިން ކުރި ހޯދާ، ބޮޑުވަޒީރު ކަމުގެ 2 ވަނަ ދައުރެއް ނަރޭންދްރާ މޯދީ ކަށަވަރު ކުރައްވާ، މަގާމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ވަޑައިގަންނަވާ 2 ގައުމަކަށް ވީ ދިވެހިރާއްޖެއާއި ސްރީލަންކާއެވެ. ޖޫން 8 ވަނަ ދުވަހު މޯދީ ދިވެހިރާއްޖެއަށް ވަޑައިގެންފައިވާއިރު، 9 ވަނަ ދުވަހު ސްރީލަންކާއަށް ވަޑައިގަންނަވާނެއެވެ. މި ދެގައުމަށްވެސް މޯދީ ޒިޔާރަތް ކުރައްވަނީ "ނެއިބާހުޑް ފަސްޓް ޕޮލިސީ" ނުވަތަ "ފުރަތަމަ އަވަށްޓެރިން" – މި ސިޔާސަތުގެ ދަށުން ކަމަށް ވިދާޅުވެއެވެ. މި ސިޔާސަތަކީ އިންޑިއާއާއި އެންމެ ކައިރިން އޮތް ދެކުނު އޭޝިއާގެ ގައުމުތަކާ ހަރުދަނާ ގުޅުމެއް ބަދަހިކުރުމަށްޓަކައި އިންޑިއާގެ ހާރިޖީ އިސްތިރާޖުގައި ހިމަނާފައިވާ ސިޔާސަތެކެވެ.

ކަންމިހެންއޮތް ނަމަވެސް، ދިވެހިރާއްޖެއާއި ސްރީލަންކާއަށް މޯދީ ކުރައްވާ ތާރީހީ ދަތުރުފުޅުގެ ހަމައެކަނި މަގުސަދަކީ މިއީ ކަމުގައި ދެންނެވޭކަށް ނެތެވެ. ޑިޕްލޮމަސީގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ތިއްބަވާ މުރާސިލުން ސިފަކުރައްވާ ގޮތުގައި، ސްރީލަންކާއާއި ދިވެހިރާއްޖެއަކީ އިންޑިއާގެ މެރިޓައިމް ސްޓްރެޓަޖީގެ ރޭވުންގަނޑަށް މުހިންމު ދެ ނުކުތާއެވެ.

ސްރީލަންކާ

އިންޑިއާއާއި ސްރީލަންކާގެ ގުޅުންތަކުގެ ވާހަކަ ފަށާއިރު، ޗައިނާގެ ނުފޫޒުގައި ޖެހި ސްރީލަންކާގެ ބައެއް އުސޫލުތަކަށް ގެނައު ބަދަލާ އެކު އޮޅުދޫ ކަރައާއި ހިންދު ކަރައިގެ ގުޅުމަށް ހިސާބެއްގެ ހީނަރުކަމެއް ފަހުގެ ތާރީހު ވަނީ ދެކެފައެވެ. މި ނުތަނަވަސްކަން ފިލުވާލެއްވުމަށްޓަކައި މޯދީ ވަނީ އެމަނިކުފާނު، މަގާމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއަށް ދައުވަތު އަރުވާފައެވެ. ސިރިސޭނާވަނީ އެ ދައުވަތު ގަބޫލުފުޅުކުރައްވާ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިވެސްގެންފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ/ފޮޓޯ: ޓުވިޓާ

އިންޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްރީލަންކާއިން ފެންނަ ޗައިނާގެ އިންވެސްޓްމަންޓްތަކެވެ. އަދި ޗައިނާގެ އަސްކަރިއްޔާއިން ސްރީލަންކާއަށް އަތްގަދަކޮށްފާނެ ކަމުގެ ބިރު، ހިންދު ވިންދުން ފިލާނުދެއެވެ. ޖިއޮގްރަފީ ގޮތުން ސްރީލަންކާ އޮންނަނީ އިންޑިއާގެ ދެކުނު އައްސޭރި ފަށާ ސީދާ ދިމާވާ ގޮތަށެވެ. ދުނިޔެވީ އެކި ރޭހުގައި އިންޑިއާއާއި އެންމެ ގާތުން ވާދަކުރަމުންދާ ޗައިނާއިން އެންމެ ގަދައަށް ކަޅިއަޅަމުންދާ ސަރަހައްދުގައެވެ. ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ ޗައިނާގެ ސަބްމެރީންއެއްވެސް 2014 ވަނަ އަހަރު، ސްރީލަންކާގައި ވަނީ ޑޮކްކޮށްފައެވެ. ޗައިނާއިން ބުނަމުންދިޔައީ އޭގެ ފަހަތުގައިވާ ހަމައެކަނި މަގުސަދަކީ ރީފިއުލް ކުރުންކަމަށެވެ. ނަމަވެސް، މިކަންވީ، ނިއުކްލިއާ ބާރުވެރިކަން ލިބިފައި އޮތް އިންޑިއާގެ ހިތް އިންތިހާއަށް ނުތަނަވަސް ކުރުވި ކަމަކަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ (ވ) އަދި ޗައިނާގެ ރައީސް ޝީ ޖީންޕިންގް ސަލާމް ކުރައްވަނީ/ފޮޓޯ: ޔޫޓިއުބް

2015 ވަނަ އަހަރު ސްރީލަންކާގެ ރިޔާސަތަށް މައިތްރިޕާލަ ސިރިސޭނާ އިންތިހާބު ކުރެވުމާއެކު އެންމެ ފުރަތަމަ މަރުހަވާ ވިދާޅުވި ލީޑަރަކީވެސް އިންޑިއާގެ ބޮޑުވަޒީރު މޯދީއެވެ. މާ ގިނަ ދުވަހެއް ނުވެ ފެނިގެންދިޔައީ ޗައިނާގެ މައްޗަށް ސްރީލަންކާއިން ބަރޯސާވަމުންދިޔަ ދިއުން އިންތިހާއަށް ކުޑަކުރައްވަމުން ގެންދެވިތަނެވެ. ސިރިސޭނާ އޭރުވެސް ގެންދެވީ އިންޑިއާއާއި ގުޅުން ބަދަހި ކުރެއްވުމުގެ ސިޔާސަތުތަކަށް ވަކާލާތު ކުރައްވާ، އެކަން ޕްރޮމޯޓްކުރައްވަމުންނެވެ. ނަތީޖާއަކަށްވީ ދެ ގައުމުގެ މެދުގައި ހަމަ އެހަރު، މަދަނީ ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށް، ޗައިނާއަށް ވަރުގަދަ މެސެޖެއް ދިން ދިނުމެވެ. މީގެ އިތުރުންވެސް ސިރިސޭނާއާއި މޯދީއާއި ދެބޭފުޅުންވަނީ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ދިވެހިރާއްޖެވެސް ހިމެނޭ މެރިޓައިމް އެއްބަސްވުމެއްވެސް ހިމެނެއެވެ.

މޯދީގެ ސަރުކާރުން މި ހުރިހާ ކަމެއް މިގޮތަށް ކުރެއްވުމުގެ ބޭނުންތައް އިންތިހާއެވެ. ނަމަވެސް އެންމެ އަސާސީ ސަބަބަކަށް ވަނީ ސަލާމަތާ ރައްކާތެރިކަމެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރުޖި އެޅުމުގެ މަސައްކަތުގައި އުޅުނު މީހަކު މާލޭ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހުއްޓިލައިގެން/ފޮޓޯ: ނިއްކޭ އޭޝަން ރިވިއު

އިންޑިއާއާއި ގުޅުން ބަދަހިކުރަމުންވެސް ސްރީލަންކާއިން ވަނީ ޗައިނާއަށް ފުރުސަތުތަކެއް ދީފައެވެ. އެގޮތުން މުޅި ދެކުނު އޭޝިއާވެސް ސިއްސުވާލި އެންމެ ވަރުގަދަ އެއް ޚަބަރަކަށްވީ ސްރީލަންކާގައި ބަނދަރުމަތީ ބޮޑު ސިޓީއެއް ތަރައްގީ ކުރުމަށް ޗައިނާއަށް ދޫކޮށްލުމެވެ. އިންޑިއާގެ ނުތަނަވަސްކަން ބޮޑުވީ އިންތިހާއަށެވެ. ލަންކާއާއި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ މެކުހަށް ޖެހިއެވެ. ދެން ފެނިގެންދިޔައީ ސްރީލަންކާއާއި އިންޑިއާގެ މެރިޓައިމް އެއްބަސްވުންތަކާ ގުޅުންތައް ހީނުކުރާ ފެންވަރަކަށް ބަދަހިކުރަމުންދިޔަ މަންޒަރެވެ. އިންޑިއާއިންވެސް އެގައުމުގެ މެރިޓައިމް އިސްތިރާޖުތައް އިންތިހާއަށް ތަރައްގީ ކުރަމުންދިޔަ މަންޒަރެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް އާއި ބިގް ޑޭޓާ އެނާލިސިސްގެ ރޮނގުން އެގައުމުގެ މެރިޓައިމް ޓެކްނޮލޮޖީ އޮޕަރޭޓް ކުރުމުގެ އެންމެ މަތީ ފަންތީގެ ތަރައްގީ، 5 އަހަރު ދުވަހުގެ ތެރޭގައި ހޯދުމަށް އިންޑިއާ އަމަލީ ގޮތުން މަސައްކަތް ފެށިއެވެ. މިކަން އިންޑިއާއަށް ހާސިލުވާން އޮތް އެންމެ ފުރިހަމަ ގޮތަކީ ސްރީލަންކާއާއި ގުޅުން އިތުރަށް ބަދަހިކުރުމެވެ. އިންޑިއާގެ ކަނޑުގެ އަސްކަރީ ބާރުވެރިކަން ސްރީލަންކާ ސަރަހައްދުގައި ގަދަކުރެވެން އޮތީވެސް މި އިމުގެ ތެރެއިން ކަމުގައި ވާތީވެސްމެއެވެ.

ދިވެހިރާއްޖެ

އިންޑިއާއާއި ދިވެހިރާއްޖޭގެ ތާރީހީ ގުޅުންތަކުގެ ވާހަކައަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ވާހަކަތަކެއް ނޫނެވެ. ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން އެންމެ އާންމުކޮށް ބުނެ އުޅޭ ވާހަކައަކީ ދިވެހިން ގޮވާލާ އެހީގެ ގޮވާލުމަކަށް އެންމެ ފުރަތަމަ އިޖާބަދޭ "ބޮޑުބޭބެ" އަކަށް އިންޑިއާ ވެފައި އޮންނަކަމުގެ ވާހަކައެވެ. ބޭރުގެ ހަނގުރާމަވެރިންގެ ކިބައިން ގައުމު ސަލާމަތްކޮށްދިނުމުން ފެށިގެން ގޮސް ބޯފެން ފޮދަކަށް އެދި ދިވެހިން އާދޭސްކުރަންޖެހުނު ދުވަހުވެސް އެންމެ ގާތުގައި އޮތީ އިންޑިއާއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ (ވ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމް ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި އިންޑިއާއަކީ ސާކްގެ މެމްބަރު 2 ގައުމުގެ އިތުރުން ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންއާއި ސައުތް އޭޝިއަން ފްރީ ޓްރޭޑް އެގްރީމަންޓްގައި ބައިވެރިވެފައިވާ 2 ގައުމެވެ.

އެ ބިޔަ، ބޮޑު، އިންޑިއާއިން ދިވެހިރާއްޖެއަށް އެހާ ޝައުގުވެރިވާ އެންމެ ވަރުގަދަ އެއް ސަބަބަކީ ދިވެހިރާއްޖޭގެ ޖިއޯޕޮލިޓިކަލް ލޮކޭޝަން ކަމާ މެދު އިއްތިފާގު ނުވާނެ މީހަކު ހުރެދާނެބާއެވެ. މުޅި ދުނިޔޭގެ ކަނޑުގެ ސަރަހައްދަށް ބަލާއިރު، ކަނޑުމަގުން ކުރާ ވިޔަފާރީގެ ދަތުރުތަކާ ގުޅިފައިވާ މައި ލޭނު އޮންނަނީ ދިވެހިރާއްޖޭގައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރަނީ މި ލޭނުންނެވެ. އާރާ ބާރާ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ގަލްފުގެ ގައުމުތަކުން ބައިނަލްއަގުވާމީ ބާޒާރަށް ފޯރުކޮށްދޭ ހަކަތައިގެ އުފެއްދުންތެރިކަން ސަޕްލައި ކުރަމުންދަނީވެސް މި ސަރަހައްދު ހުރަސްކޮށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ކަންމިހެންއޮތްއިރު، އިންޑިއާ ކަނޑުގެ ސުލްހަމަސަލަކަން ދެމެހެއްޓުމުގެ ތަޅުދަނޑި އޮތީ ދިވެހިންގެ އަތުގައިކަން އިންޑިއާ ކިތަންމެހާ ރަނގަޅަކަށްވެސް ދަނެއެވެ.

ސިޔާސީ މުރާސިލުން ސިފަކުރާ ގޮތުގައި މޯދީގެ ވެރިކަމުގެ 2 ވަނަ ދައުރުގައި ކުރިއަށް އޮތް 5 އަހަރު ހޭދަކުރައްވާނީ ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް މެކުހަށް ޖެއްސެވުމުގައެވެ. މިކަން ބިނާވެގެންދާނީ މެރިޓައިމް ސެކިއުރިޓީއާއި ޓެރަރިޒަމް ހުއްޓުވުމާ ގުޅުންހުރި ކަންކަމުގެ މައްޗަށެވެ. އަދި ގައުމުތަކުގެ ސަރަހައްދީ އިން ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް "ފޮނުވާ" ޖިނާއީ ކުށްތަކުން އިންޑިއާ ކަނޑުގެ ސަރަހައްދު ސާފުކުރެއްވުމުގެ މައްޗަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިންތިހާބީ ކާމިޔާބީގެ އުފާ ފާޅުކުރައްވަނީ/ފޮޓޯ: އޭއެފްޕީ

ކުރިމަގުގެ އިންޑިއާ

މިކަންކަން ހާސިލުކުރެއްވުމަށްޓަކައި އިންޑިއާގައި ދާހިލީ ފެންވަރުގައި ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރައްވަން މޯދީއަށް ޖެހިވަޑައިގަންނަވާނެއެވެ. އެގޮތުން އިންޑިއާގެ މެރިޓައިމް ކޭޕަބިލިޓީ ޕާސްޕެކްޓިވް ޕްލޭން އާއިއެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މޯދީއަށް މަޖުބޫރުވެއެވެ. ސާގަރު ނުވަތަ ސަރަހައްދުގައި ހިމެނޭ ހުރިހާ އެންމެންގެ ސަލާމަތާ ރައްކާތެރިކަން އިންޑިއާއިން ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގައި އަމަލީ ކުލަ ޖެއްސެވުމަށް މޯދީއަށް ޖެހިވަޑައިގަންނަވާނެއެވެ. މި އިސްތިރާޖު ކާމިޔާބުވެއްޖެ ނަމަ އިންޑިއާގެ ހާރިޖީ ސިޔާސަތުވެސް ބައްޓަން ކުރެވިގެންދާނީ މި ރޮނގުންނެވެ. އިންޑިއާ ވެގެންދާނީ އެ ގައުމާ ތޮޅެން ހިތަށް އަރުވާލި މީހަކުވެސް ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުކުރުވާ ވަރުގަދަ ގަދަ ބާރަކަށް ކަމަށް އެގައުމުން އުއްމީދު ކުރެއެވެ.