އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެގައުމުގެ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށް، 2 މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
އެކިދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކާއި އިފުތިތާހު ކުރެވުނު މަޝްރޫޢު ތަކުގެ ތެރޭގައި އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރޭނިންގ ފެސިލިޓީ އަދި ކޯސްޓަލް ސާވެއިލެންސް ރާޑާ ސިސްޓަމް އިފްތިތާހު ކުރުން ހިމެނެއެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެމަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތައް:
- އެމްއޯޔޫ އޮން ހައިޑްރޯގްރެފީ އެންޑް އޯޝަން އިކޮނޮމީ
- ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތު
- ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިން
- ކެޕޭސިޓީ ބިލްޑިން ފޯ މޯލްޑިވިއަން ސިވިލް ސާވަންޓްސް
- ޕެސެންޖާ އެންޑް ކާގޯ ސާވިސަސް ފެރީ ގެ ހިދުމަތް ދިނުމުގެ އެއްބަސްވުން
- އެމްއޯޔޫ އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ
ދެސަރުކާރުގެ ދެމެދުގައި މިއަދު ބަދަލު ކުރެވުނު އެއްބަސްވުން ތަކުގެ ތެރޭގައި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރުމަތިކޮށް ތަމްރީނުދިނުމާ ބެހޭ ގޮތުން އެކުލަވާލި އެއްބަސްވުމުގެ ދަށުން ދިވެހި ސިވިލް ސާވިސްގެ 1000 މުވައްޒަފުންނަށް ހުރިހާ ހަރަދަކާއެކު ތަފާތު ދާއިރާތަކުން ތަމްރީނުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ އަށް ސޮއި ކުރި އެއްބަސްވުމަކީ މޯލްޑިވްސް ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ގެންދިއުމާ ގުޅޭ ގޮތުން ސޮއި ކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ވިޔަފާރީގެ ނަފާ ލިބޭނެ މަގުފަހިވެގެން ދިމުގެ އިތުރުން އެންމެ ހަރުދަނާ ބައިނަލްއަގްވާމީ ފެންވަރެއްގައި ކަސްޓަމްސްގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ބަދަލުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނަށްގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
ތިންވަނަ އަށް ސޮއި ކުރި އެއްބަސްވުމަކީ އިންޑިއާގެ ކޮޗިނުން ހދ ކުޅުދުއްފުށި ނުވަތަ އެއްބަސްވެވޭ ރާއްޖޭގެ ބަނދަރަކަށް ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީ ދަތުރުތައް ބޭއްވުމާބެހޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެން ދިއުމާއި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެއެވެ.
މިއަދު ސޮއި ކުރި އިތުރު އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއާއި އިންޑިއާގެ ސިއްހީ ދާއިރާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް ދިނުމާއި ބެހޭ އެއްބަސްވުމަކާއި ސިއްހީ ދާއިރާގެ ދިރާސާތައް ކުރުމާއި އެ ދާއިރާއަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމާއި ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ އެއްބަސްވުމެއްގެ އިތުރުން ދެގައުމުގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް އެއްބާރުލުން އިތުރުކުރުމާ ބެހޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.
މި އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސް ސޯލިހް، އަދި މޯދީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.