ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފިއެވެ.

މިއީ ރާއްޖެއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ މިފަދަ ލަގަބުގެ ތެރެއިން އެންމެ މަތީ ލަގަބެވެ. މި ލަގަބު ބޮޑުވަޒީރު މޯދީއަށް އަރުވާފައިވަނީ ރައީސް އޮފީހުގައި މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހު މި ލަގަބު މޯދީއަށް އަރުވަން ނިންމެވީ ރާއްޖޭގެ ތަރައްގީއަށާއި އެކި ގޮތްގޮތުން ދެއްވާ އެހީތެރިކަމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މޯދީ ރާއްޖެއަށް ވަޑައިގަތުމުން ހޫނުގަދަ މަރުހަބާއެއް ކިޔާފައިވާއިރު ރައިސް އޮފީހުގައި މަޝްވަރާ ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްވަރާ ބައްދަލު ވުމަށް ފަހު ދެގައުމުގެ ދެމެދުގައި 6 އެއް ބަސްވުމެއްގައި ސޮއެކޮށްފައި ވެއެވެ. އޭގެއިތުރުން ޅ. މާފިލާފުށީގައި ހުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިންގް ސެންޓަރާއި އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތައް ވެސް ވަނީ އިފްތިތާހު ކޮށްފައެވެ.

ދެން މިރޭ އޮންނާނީ މަޖިލީހުގައި ބޮޑުވަޒީރު މޯދީ ތަގުރީރު ކުރެއްވުމެވެ. އިރުއޮއްސި 6:45 ގައި މިއަދު މަޖިލީހުގައި ބާއްވާ ޖަލްސާގައި މޯދީ ތަގުރީރު ކުރައްވާނީ އިންޑިއާގެ ރަސްމީ ބަސް ކަމަށްވާ ހިންދީ ބަހުންނެވެ. މޯދީ ތަގުރީރު ދެއްވަމުން ގެންދަވާ އިރު، ދިވެހި ތަރުޖަމާ އަޑުއިވޭޭނެ އިންތިޒާމު މަޖިލީހުގެ އިދާރާއިން ހަމަޖައްސާފައި ވަނީ ހަމަ އެކަނި މަޖިލިސް މެންބަރުންނަށެވެ.