ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ރާއްޖޭގެ ތަރައްގީއަށާއި އެކި ގޮތްގޮތުން ދެއްވާ އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތުން މިހާރު ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، މޯދީއަށް އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި މި އިއްޒަތް މޯދީއަށް އެރުވުން އޮންނާނީ، އެމަނިކުފާނު މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ރައީސް އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ.

ރައީސް ސޯލިހު މޯދީއަށް މޯދީއަށް މި އިއްޒަތް އެރުވުމަށް ނިންމެވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށް ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، މީގެކުރިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފައެވެ. އެގޮތުން، މާޗް 15، 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އާލް މައުންޓްބެޓަން އަށާއި، އޮކްޓޯބަރު 30، 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި، ނޮވެމްބަރު 16، 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސާ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ. މީގެއިތުރުން ޑިސެމްބަރު 2، 2009 ގައި ސައުދި އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައޫދަށް، އަދި ޖޫން 4، 2013 ގައި ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާހަށް މި އިއްޒަތް އަރުވާފައިވެއެވެ.